ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް، "ކްރެޑިޓް ނެގުމަށް" ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް އެދި ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ހޯދުމަށް ހުށަހަޅާފައިވާ ގިނަ ބިލްތަކަކަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެކަމުގައި ހިމެނިވަޑައިގަންނަވާތީ ކަންބޮޑުވުން ފާޅު ކުރައްވައި ރިޔާޒު ވަނީ އެބިލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރިޔާޒު ވިދާޅުވެފައިވަނީ އެ ބޭފުޅާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ އަސާސްތަކުގެ ތެރޭގައި އޮންނަ އެއް ވާހަކައަކީ އެންމެ ނިކަމެތި މީހާ އަށާއި އެންމެ މުއްސަނދި މީހުންނާ ދޭތެރޭ އޮންނަ ފަރަގު ކުޑަކުރުން، އެއީ މަސައްކަތެއް ކަމުގައި ވާންވާނެ ކަމަށެވެ. އަދި އެބޭފުޅުން މިއަދު އެކުރާ މަސައްކަތަކީ އެފަރަގު ކުޑަކުރުން ނޫންކަމަށާއި މޮޅު މީހާއަށް މޮޅެތި ގޮތް ހޯދައިދޭން އަދިވެސް މަސައްކަތް ކުރެވޭ ކަމަށެވެ.
"ސުޕަ މެޖޯރިޓީ އޮވެގެން، މަޖިލީހުން އެތައް ބައެއްގެ ހައްގުތައް ހުއްޓުވައި، މަޖިލީހަށް ވަނަނުދީ ހުރި ހުރިހާ މަސައްކަތެއްކޮށް، ވޭތުވެދިޔަ ދިހަ އަހަރު ވެގެންދިޔައިރު ކީއްވެގެންތޯ އެކަން ނުކުރެވިދިޔައީ، ކީއްވެތޯ އެ ފަނޑިޔާރަށް އިނާޔަތް ދިނުމަށް ބިލެއް ހުށަހަޅުއްވައިގެން ކުރިއަށް ނުގެންދެވީ. މިރާއްޖޭގެ ރައްޔިތުންގެ ހައްގުތަށް ފުރިހަމަކޮށް ނުދެއްވީ ކީއްވެތޯ،" ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރިޔާޒް ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެންދާއިރު އިނާޔަތްތަކާއި ރައްކާތެރިކަން ހޯދުމަށް 19 ވަނަ މަޖިލީހަށް އިންތިހާބު ވެފައިނުވާ މެމްބަރުން އުޅުއްވަމުންދާއިރު، ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ ގާނޫނު އަސާސީން ކަށަވަރު ކޮށްދެންޖެހޭ އަސާސީ ހައްގުތައް ވެސް ނުލިބި ކަމަށެވެ.
“އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ކަމަކީ އަޅުގަނޑުމެން މިއަދު އެންމެފަހުން ނިންމާލާފައި ދާއިރުގަ މާދަމާގެ މަޖިލީހުގައި ކުރަންޖެހޭ ކަންތައްތައް ބައިވަރު. އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުމެންނަށް ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާ އެއްޗެއްހި އަޅުގަނޑުމެން އަމިއްލައަށް ކަނޑައެޅުން، އެއީކީ އެންމެ ނަޒާހަތްތެރި ގޮތް ކަމަށް. އެއީކީ ނޫން ދުނިޔޭގެ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ ގޮތަކީ،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒްގެ މިވާހަކަ ފުޅުތަކަށް ރިޔާސަތުގައި އިންނެވި ޖުމްހުރި ޕާޓީގެ ލީޑާރު ގާސިމް ވިދާޅުވީ މެމްބަރުން ހުށަހަޅާ ބިލްތައް މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކުރުމަކީ މަޖިލީހުގެ ރައީސްގެ ވާޖިބެއް ކަމަށެވެ. އަދި ބިލްތަކާ ގުޅޭގޮތުން، އަމިއްލައަށް ކްރެޑިޓް ނެންގުމަށް ފާޑުފާޑުގެ ވާހަކަ ނުދެއްކެވުމަށްވެސް ގާސިމް ވަނީ ރިޔާޒުގެ ކިބައިން އެދިލައްވާފައެވެ.
"އިއްޒަތްތެރި މެމްބަރު އެޖެންޑާއަށް ހުށަހެޅިފައިވާ ކަންތައްތަކަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުމަކީ އެހެންމައްސަލައެއް. މިމަޖިލީހުގެ ރައީސް ކަމުގައި އިން މީހެއްގެ ވާޖިބެއް ކަމަށްވާތީ ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި އެވާހަކަ ދަންނަވާލަން. މަޖިލީހުގައި ބަހުސް ކުރައްވާއިރު، ވާހަކަފުޅު ދައްކަވާއިރު، އަމިއްލައަށް ކްރެޑިޓް ނަންގަވަން ފާޑުފާޑުގެ ވާހަކަފުޅު ދެއްކެވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން،" މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުން ހުށަހަޅާ ބިލްތަކާމެދު ލަދުވެތިވާ ކަމަށެވެ. އަދި އަމިއްލައަށް އިނާޔަތް ހޯދުމަށް މަޖިލީހަށް ބިލްތައް ހުށަހެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ދިޔައީ 18 ވަނަ މަޖްލީހުގެ ފަހު ޖަލްސާއެވެ.
ގާސިމް އަބްދުﷲ ރިޔާޒަށް: ކްރެޓިޑް ނެގުމަށް ފާޑުފާޑު ވާހަކަ ނުދެއްކުން އެދެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ