ހޯމަ ދުވަހުގެ ކުރިން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކޮށް ނިންމާލާނަން - ނަޝީދު

އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކޮށް ނިންމާލެވޭނެ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ، ވެރިކަން ކުރާ އެމްޑީޕީން މިހާރު ކުރިޔަށްގެންދާ ކައުންސިލަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިޚާބަށް އެކުލަވާލި މެނިފެންސްޓޯގެ އެންމެ ފުރަތަމަ ކަމަކަށްވެސް އޮތީ ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހުކޮށް ފަނޑިޔާރުގެ ސާފުކުރުން ކަމަށެވެ.
"އެންމެ މުހިންމުކޮށް ކުރުމަށް އަބަދުވެސް ނިންމިފަ އޮތް ކަމަކީ ފުރަތަމައިނުން ޝަރުއީ ނިޒާމް އިސްލާހު ކުރުން. ފަނޑިޔާރުގެތައް ސާފު ކުރުން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ކުރުމަށް ނިންމާފައިވާ ހުރިހާ ކަމެއްވެސް ތާވަލްކޮށްފައިވާ ގޮތާއި އެއްގޮތަށް ކުރިޔަށްދާ ކަމަށެވެ. އެގޮތުން އެންމެ އުމްރާނީ ޕްރޮޖެކްޓުތަކާއި، ލާމަރުކަޒީ ނިޒާމުގެ ބޭނުންތަކާއި، އެންމެ ކުޑަ އުޖޫރަ އާއި ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި މަހުގެ ހަމަ އަގު ލިބުންވެސް، އިންތިޚާބަށް ނިކުތްއިރުގައި އެމްޑީޕީން ވެފައިވާ ވައުދުތަކާއި އެއްގޮތަށް ހިނގަމުންދާ ކަމަށެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތަކީ އެމްޑީޕީ މެނިފެސްޓޯގެ އެންމެ ފުރަތަމަ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޝަރުޢީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް އިން ކުރަމުންދާ ކަމަށް ވެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މަޤާމަށް ދެ އަންހެން ބޭފުޅަކު އައްޔަނު ކުރުމަށް ޖޭއެސްސީން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައެވެ. ޖޭއެސްސީ އިން މިގޮތަށް ލަފާދީފައި ވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
ފަތުވާ މަޖިލީސް އިން މިގޮތަށް ނިންމާފައި އޮތްކަމުގައި ވީނަމަވެސް، ސަރުކާރަށް ތާއީދުކުރާ ގިނަ ފަރާތްތަކުން ދަނީ އެ ނިންމުމާއި ދެކޮޅަށް އެކަމުގައި ޚިޔާލުފާޅު ކުރަމުންނެވެ. ހަމަ އެހެންމެ އެ މަޤާމަށް އަންނަ ހޯމައިގެ ކުރިން ދެބޭފުޅުން އައްޔަނުކޮށް ނިންމާލެވޭނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހަށް ގޮންޖެހުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެބޭފުޅަކު އައްޔަނުކުރާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ