އެމްޑީޕީން ސިފައިންގެ ހިނގާލުމަށް ހުރަސް އެޅި ހަނދާންތައް އާކޮށްފި

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން މިއަދު ސިފައިންގެ ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިއުމާއި އެކު 2012 ވަނަ އަހަރު އެމްޑީޕީ މެންބަރުން ސިފައިންގެ ޝަރަފްގެ ހިނގާލުމަށް ހުރަސް އެޅި ހަނދާންތައް ގިނަ ބަޔަކު މީސް މީޑިއާގައި ހިއްސާ ކުރަމުން އެބަގެންދެއެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން 2012 ވަނަ އަހަރުގެ އޭޕްރިލް 21 ގައި މާލޭގައި ބޭއްވި ޝަރަފްގެ ހިނގާލުމަށް އެމްޑީޕީ އާއްމު މެންބަރުން ހުރަސް އަޅާ ޝަރަފްގެ ހިނގާލުމުގައި ބައިވެރިވަމުން ދިޔަ ސިފައިންނާއި ވަރަށް ހަޑިހުތުރު ބަހުން މުހާތަބު ކޮށްފައިވެއެވެ.
އަދި ބައެއް ސިފައިންނަށް ހަމަލާ ދޭން ވެސް އެދުވަހު އެމްޑީޕީ މެންބަރުން މަސައްކަތް ކުރިއެވެ.
ނަމަވެސް ސިފައިން ވަނީ އެދުވަހު ވެސް ރޭވިފައި އޮތް ގޮތައް ސިފައިންގެ ޝަރަފްގެ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީ މެންބަރުން 2012 ވަނަ އަހަރު ސިފައިންގެ ޝަރަފްގެ ހިނގާލުމަށް ހުރަސް އެޅީ 2012 ފެބްރުއަރީ 07 ވަނަ ދުވަހު އޭރުގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ބަޣާވާތް ކޮށްގެން ކަމަށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ނަޝީދު ވިދާޅުވުމުންނެވެ.
ސިފައިންގެ އިތުރުން އެދުވަސްވަރު ފުލުހުންނަށް ވެސް އެމްޑީޕީ މެންބަރުން ހުރަސް އަޅާ، ވަކިވަކި ފުލުހުންނާއި، ފުލުހުންގެ އާއިލާތަކުގެ މެންބަރުންނަށް ހަމަލާ ވެސް ދީފައިވެއެވެ.
މިއަދު އޭގެ ހަތް އަހަރު ފަހުން މާލޭގައި ސިފައިންގެ ހިނގާލުން ކުރިއަށް ގެންދިޔަ އިރު ފެނުނު މަންޒަރުތަކާއި އެކު އޭރުގެ ހަނދާންތައް މީސް މީޑިއާގައި ހިއްސާކުރަމުންދާ ފަރާތްތަކުގެ ތެރޭގައި އޭރު ސިފައިންގެ އާއި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ