އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު މެމްބަރު ހަލީމް ދެއްވައިފި

ކޮރަޕްޝަން ފައިސާގެ ބޮޑެތި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބެލިފައިނުވާ ކަމަށް ވިދާޅުވެ އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރަންޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ދެއްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި މިއަދު ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅާފައިވާ ސިޓީއަކާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ. ހަސަން ލަތީފު ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައިވެސް އަދި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީން ވެފައިވާ އެންމެ މުހިއްމު ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ހަލީމް ވަނީ އޭސީީސީގެ މެމްބަރުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ. އަދި ބޮޑެތި ތުހުމަތުތަކެއް ވެސް އޭނާ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އޭސީސީ އަށް އައްޔަން ކުރެއްވި މެމްބަރުން ޖިނާއީ މައްސަލަތަކަށްވުރެ ބޮޑަށް ބަލާފައި ވަނީ އިދާރީ މައްސަލަތައް ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި 719 މައްސަލަ އޭސީސީން ނިންމާފައިވާއިރު 707 މައްސަލަ އެއް ނިންމާފައިވަނީ އެ މައްސަލަތަކުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އަޅުގަނޑުމެން ސަރުކާރުން އަލަށް ލީ ހުރިހާ މެމްބަރުން ފެއިލްވެއްޖެ،" ހަލީމް ވިދާޅުވިއެވެ.
އެކަމަކު، އެ ވާހަކައަކަށް އޭސީސީގެ މެމްބަރުން ވަކި ޖަވާބެއް ނުދެއްވަ އެވެ.
އިނގުރައިދޫ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، އޭސީސީ ވަނީ ގާނޫނާއިވެސް ހިލާފުވެފައި ކަމަށެވެ. އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށެވެ. އަދި އެ ކޮމެޓީން މީގެކުރިން އޭސީސީގެ މެންބަރުންނާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސާ ދެއްވި ޖަވާބުތަކާއި ގުޅިގެންވެސް ވިސާމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ