ނ. ލަންދޫގެ ހުރިހާ ޖަނަރޭޓަރުތަކެއް ހަލާކުވެ ރެއިން ފެށިގެން ކަރަންޓް ނެތުމާ ގުޅިގެން ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ދޮށަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ރަށުތެރޭގައި ރައްޔިތުންގެ މުޒާހަރާ ކުރަމުން ނުދާ ކަމަށާއި ހިތްހަމަނުޖެހުން ފާޅުކުރާ ކަން ވެސް އެނގިވަޑައިގެންފައި ނެތް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހަންމަދު ފަޔާޒު ވިދާޅުވި ނަމަވެސް، އެ ރަށުގެ ބައެއް ރައްޔިތުން ބުނަމުން ދަނީ ކައުންސިލް އިދާރާގައި ތަޅު އަޅުވައި ބަންދުކޮށް، ކައުންސިލް އިދާރާ ދޮށުގައި ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ.
ފަޔާޒް ވިދާޅުވީ އެ ރަށުގައި ކަރަންޓުގެ މައްސަލަ ދިމާވަމުން ދާތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލުނުވެ އެންމެ ފަހުން ރޭ މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ކަރަންޓު ދެމުން އައި ތިން އިންޖީނު ހަލާކުވެގެން އެންމެ ފަހުން އެ ރަށުގައި ކަރަންޓު ދެމުން އައީ އެ އަތޮޅު މާޅެންދޫއިން ގެނެސްފައިވާ ޖަނަރަޓޭރަކުންނެވެ. ނަމަވެސް އެ އިންޖީނު ވެސް ރޭ ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން ޔުޓިލިޓީސް ކުންފުންޏަށް ގުޅީމަ ބުނަނީ އިންޖީނެއް ހޯދުމަށް އެބަ މަސައްކަތް ކުރަމޭ. އެކަމަކު އިންޖީނެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނުދޭ،" ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވި ގޮތުގައި ޖަނަރޭޓަރުތައް ހަލާކުވެފައިވަނީ އޯވަލޯޑް ވެގެންނެވެ. ޖަނަރޭޓަރުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން ދިޔަ ނަމަވެސް އެ މައްސަލަ ހައްލުވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންދޫން ވާހަކަ ދެއްކި މޫސާ ހުސައިން ބުނިގޮތުގައި ރަށުގައި ކަރަންޓު ނެތުމުން ރެއިން ފެށިގެން ގިނަ އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި ކަރަންޓު ލިބޭނެ ދުވަހެއް ނޭނގޭތީ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ކަރަންޓް ނެތިގެން ލަންދޫ ރައްޔިތުން ކައުންސިލް އިދާރާ ދޮށުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ