އެސްޓީއޯ އަށް ޖެޓް ފިއުލް ހިފައިގެން އައި ބޭރުގެ ބޯޓެއް ކަމަށްވާ އެމްވީ ވިންޓާ އާއި ބޯޓުގެ ކެޕްޓަން ރާއްޖޭން ބޭރަށް ނުދިޔުމަށް އަންގައި އަމުރުކޮށް، ގެރެންޓީއެއް ދައްކައިފި ނަމަ ބޯޓު ދޫކޮށްލާނެ ކަމަށް މަދަނީ ކޯޓުގެ އެ މައްސަލަ ބައްލަވާ ގާޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަގުތީ އަމުރު ނެރުއްވަމުން ގާޒީ އަލީ ނަސީރު ވިދާޅުވީ ބޯޓާއި ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ވްލާޑިވްސްލަވްސްއާ ދެކޮޅަށް އެސްޓީއޯއިން ދައުވާ ކުރާ އެ މައްސަލައިގައި އަމުރެއް ނެރެންޖެހޭ ކަމަށް ޝަރީއަތުން ދެކޭ ކަމަށެވެ. އަދި އެއަށްފަހު ކެޕްޓަނަށް ރާއްޖޭން ބޭރަށް ނުފުރުމަށް އަމުރުކޮށް އެ ބޯޓު ނުފުރޭ ގޮތަށް ބެލެހެއްޓުމަށް ކަސްޓަމްސް އަށް އެންގެވި އެވެ.
ގާޒީ ވިދާޅުވީ އެސްޓީއޯއިން ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ އަދަދު ކޯޓުގައި ބެހެއްޓުމުން ބޯޓު ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން އޯޑަރު ކުރި އަދަދަށް ވިންޓާ ބޯޓުން ތެޔޮ ގެނެސްފައި ނުވާތީ ބާކީ ތެޔޮތައް ގެނައުމަށް އެހެން ބޯޓެއް ޗާޓަރު ކުރުމަށް ދިޔަ ހަރަދުގެ ބަދަލަށް ނަގައިދިނުމަށް އެދިފައިވާ 340،000 ޑޮލަރު ގެރެންޓީގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން ގެރެންޓީގެ ގޮތުގައި ބަހައްޓަންޖެހެނީ ގާތްގަނޑަކަށް 8.8 މިލިއަން ރުފިޔާ އެވެ. ގާޒީ ވިދާޅުވީ ގެރެންޓީ ބެހެއްޓުމުގެ ފުރުސަތު ދެއްވީ ބޯޓަށް ފުރައިގެން ދިޔުމަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
އިއްޔެ އެ މައްސަލައިގައި އިތުރަށް އޮތީ ބޯޓުގެ ކެޕްޓަންގެ ފަރާތުން ޖަވާބުދާރީ ވުމެވެ. ކެޕްޓަންގެ ފަރާތުން ވަކީލާ ދީނާ ހުސެއިން ވިދާޅުވީ ބޯޓު ވެރިފަރާތުގެ ފަރާތުން ބޯޓު ޗާޓަރުކޮށްފައި ވަނީ އޮލިމްޕިކް ޝިޕިންގް އިން ކަމަށާއި އެދެމެދުގައި ހަދާފައިވާ އެގްރިމެންޓުގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލު ކުރާނީ ލަންޑަނުގައި ހިންގާ އާބިޓްރޭޝަނުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ދީނާ ވިދާޅުވީ ބޯޓަށް އަރުވާ މުދާތަކަށް ބޯޓުން ޒިންމާވާންޖެހޭނީ "މުދާ އަރުވާ ޕޮއިންޓާ" ހިސާބުން ކަމަށާއި އެސްޓީއޯ އިން އޯޑަރު ކުރި ތެޔޮތައް ތަޣައްޔަރުވެފައި ވަނީ މުދާ އަރުވާ ޕޮއިންޓަށް ވެއްދުމުގެ ކުރިން ކަމަށެވެ. އެހެންކަމުން އެކަމުގައި ޒިންމާވާންޖެހޭނީ އެ ތެޔޮތައް އެރުވި ފަރާތުން ކަމަށް ދީނާ ވަކީލާ ވިދާޅުވި އެވެ. އަދި ތެޔޮތައް އެއްކޮށް ނޭރުވެނީސް މާލެއަށް ފުރުމަށް އަމުރު ކުރީ ބޯޓު ޗާޓަރު ކުރި އޮލިމްޕިކް ޝިޕިންގް އިން ކަމަށާއި އެ ކަމަށް ވެސް ބޯޓުން ޒިންމާވާން ނުޖެހޭނެ ކަމަށް ދީނާ ވިދާޅުވި އެވެ.
ދީނާ ވިދާޅުވީ ތެޔޮތައް ތަޣައްޔަރުވެފައި ވަނީ ބޯޓަށް މުދާ އަރުވާ ޕޮއިންޓަށް ވެއްދުމުގެ ކުރިން ކަމަށްވާތީ އެއަށް ބަދަލުދޭން ނުޖެހޭނެ ކަމަށެވެ. އަދި މަދުން ތެޔޮ ގެނައި ކަމަށް ބުނެ ނަގައިދޭން އެދުނު ބަދަލަކީ ވެސް އެމްވީ ވިންޓާއިން ޒިންމާވާންޖެހޭނެ އެއްޗެއް ނޫން ކަމަށް ދީނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ވަކީލު މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވީ ދީނާގެ ވާހަކަތަކަށް ރައްދު ދެއްވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލައިގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެ ފުރުސަތު ޝަހުދީ އަށް އެ ފުރުސަތު ދެއްވުމަށްފަހު އެވެ.
އެސްޓީއޯގެ ތެޔޮ ގެނައި ބޯޓުގެ މައްސަލަ: ކޯޓަށް ގެރެންޓީއެއް ދެއްކުމުން ބޯޓު ދޫކޮށްލާނަން: ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ