ކަނޑި އަހުމަދު އިސްމާއީލް މަނިކު އަވަހާރަވެއްޖެ
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައވާ ކަނޑި އަހުމަދު އިސްމާއިލް މަނިކު މިއަދު ހެނދުނު ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ. ރާއްޖެ އަށް މިނިވަންކަން ލިބުނު އިރު އިނގިރޭސިންނާ އެކު ބޭއްވި މަޝްވަރާތަކުގައި އޭރުގެ ރައީސް އިބްރާހިމް ނާސިރާ އެކު އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި، މިހާރު އުމުރުން 70 ގެ އަހަރުތައް ހޭދަކުރައްވަމުން ގެންދަވާ އަހުމަދު އިސްމާއިލް މަނިކު އަވަހާރަވީ ސްރީ ލަންކާގެ ނަވަލޮކާ ހޮސްޕިޓަލްގަ އެވެ. ރާއްޖެ އަށް މިނިވަންކަން ލިބުމާ އެކު އދ. އަށް ފުރަތަމަ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަތެވެ. އދ. ގައި ރާއްޖޭގެ ދިދަ ފުރަތަމަ ނެގިއިރު އަހުމަދު އިސްމާއިލް މަނިކަކީ އެތަނުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު، މުއުމިނާ ހަލީމްގެ ފިރިކަލުންނެވެ.މިނިވަންކަން ހޯދުމުގެ މަޝްވަރާތައް ހިނގަމުން ދިޔައިރު، ސްރީ ލަންކާގައި ދިވެހި ސަފީރަކަށް ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީ މިއަދު ވިދާޅުވީ "އަހުމަދު އިސްމާއީލް މަނިކަނީ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތުގެ މުހިންމު ބައިވެރިއެއް" ކަމަށެވެ. އަދި "ރަނގަޅު ހިތްހެޔޮ ރަހުމަތްތެރިއެއް" ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ."ކޮޅަނބު އޮފީހުގައި ހަތް އަހަރު ދުވަހު އަހުމަދު އިސްމާއީލް މަނިކު އުޅުއްވި. އޭނާ އަކީ މަސައްކަތަށް ވަރަށް ފަރުވާ ބަހައްޓަވާ މުރާލި ބޭފުޅެއް،" އަބްދުއްސައްތާރު ވިދާޅުވި އެވެ.ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް އަހުމަދު އިސްމާއިލް މަނިކު ހިމެނިވަޑައިގަންނަވަ އެވެ. ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި ބޭފުޅުންނަށް ދެއްވި އެވޯޑު 1997 ގައި އޭނާ އަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި ޓޫރިޒަމްގެ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1997 ވަނަ އަހަރު އަދި އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 2005 ވަނަ އަހަރު އޭނާ އަށް ލިބިވަޑައިގެންފައިވެ އެވެ.އެނބުދޫ ވިލެޖާއި ސަމާ އައިލެންޑަކީ އޭނާގެ ޓޫރިޒަމް ވިޔަފާރީގެ ބައެކެވެ. އަދި މާލޭގައި ހިންގާ މަޝްހޫރު ހޮޓާތައް ކަމަށްވާ ކައިމޫ އާއި ކާމް ހޮޓަލުގެ ވެރިޔަކީ ވެސް އޭނާ އެވެ.އަބްދުއްސައްތާރު ވިދާޅުވީ "އަހުމަދު އިސްމާއީލް މަނިކަކީ އަބަދުވެސް ވިޔަފާރީގެ ހިޔާލު ހުންނަވާ ބޭފުޅެއް" ކަމަށެވެ. "އިއްޔެ ވެސް އަޅުގަނޑު ފޯނުން އޭނާއާ ވާހަކަ ދެއްކިން. ސިންގަޕޫރަށް ފަރުވާ އަށް ވަޑައިގަންނަވަން އުޅުއްވާ ވާހަކަ ވެސް ދެއްކެވި."އަހުމަދު އިސްމާއީލްގެ މުވައްޒަފެއްގެ ގޮތުގައި 16 އަހަރު ހޭދަކުރެއްވި ރޯނު ހަސަން މަނިކު ވިދާޅުވީ "އިސްމާއީލް މަނިކަކީ ވަރަށް މަސައްކަތަށް ޝައުގުވެރި، މުވައްޒަފުންނަށް ރަނގަޅު ބޭފުޅެއް" ކަމަށެވެ."އޭނާއަކީ ވަރަށް ހިތްވަރުގަދަ ހިތްހެޔޮ ބޭފުޅެއް. ވިޔަފާރީގެ ހުރިހާ ކަމެއްގައި އަމަލީ ގޮތުން ވެސް ބައިވެރިވަޑައިގަންނަވާ. ކައިމޫ ހޮޓާ ހެދިއިރު ވެސް ހުރިހާ ކަމެއްގައި ވެސް އުޅުއްވި. ލަންކާގައި ހުންނަވާއިރު ވެސް ވިޔަފާރީގެ އެއްވެސް ކަމެއް އޭނާ އަށް އެނގިވަޑައިނުގެން ނުދާނެ،" ހަސަން މަނިކު ވިދާޅުވި އެވެ.ސަރުކާރުގައި 23 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި އިސްމާއީލް މަނިކު ފުރުއްވި މަގާމުތަކުގެ ތެރޭގައި، މާލިއްޔާގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، ސިލޯނުގައި ހުންނަވާ ސަފީރު އޮފީހުގެ ސެކްރެޓަރީ ކަމާއި، ޚާރިޖިއްޔާގެ ވަކީލުކަމާއި، އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ އޮފީހުގެ ސެކްރެޓަރީ ކަމާއި، އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ މަންދޫބުކަން ހިމެނެ އެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވަކީލުކަމާއި، ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލު ކަމާއި، މިނިސްޓަރު އޮފް ފިޝަރީޒްގެ ނައިބުކަން ވެސް ކުރައްވާފައިވެއެވެ.އިސްމާއީލް މަނިކަށް ލިބިވަޑައިގެންފައި ވަނީ ފިރިހެން ދެ ބޭފުޅުންނާއި އަންހެން ދެ ބޭފުޅުންނެވެ.އިސްމާއީލް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު އިސްމާއީލް މަނިކުގެ އަނބިކަނބަލުން ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ މުއުމިނާ ހަލީމާ ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވި އެވެ. އަދި ޖަނާޒާގައި ރައީސްގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ބައިވެރިވެވަޑައިގެންނެވުމަށް އޭނާ މިރޭ ސްރީލަންކާ އަށް ވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ