އަމިއްލަޔަށް އިސްނަގައިގެން ރައީސް އަޒުލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް: މުއިއްޒު
އަމިއްލަޔަށް އިސް ނަގައިގެން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް އަޒުލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އެ އަމުރަށް ތަބާ ނުވުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގަވައިފަ އެވެ. އެކަމާ ގުޅިގެން މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ ރައީސް މަގާމުން ދުރުކުރެވޭނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށެވެ. މަޖިލީހުގެ މަރުހަލާ ކަޑައްތު ނުކޮށް އެނޫން ގޮތަކަށް ރައީސް މަގާމުން ވަކި ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ މުއިއްޒު ވިދާޅުވީ، މުއައްސަސާތަކުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަމަލު ކުރުމަށް ބާރު އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ. ގާނޫނު އަސާސީގެ 115 މާއްދާގެ (ހ)ގައި ބުނަނީ "މި ގާނޫނު އަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހްލާސްތެރިކަމާ އެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު" އަޅަން ޖެހޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ދެ މެމްބަރަކު މާޗު 2014ގައި ސުޕްރީމް ކޯޓުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒު އެވެ. މުއިއްޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަކިކުރެވޭނީ މަޖިލީހުން ކަމަށް ގާނޫނު އަސާސީގެ 177 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ނޫން ގޮތަކަށް ނިންމުމުން އެއީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފު ނިންމެވުމެއް ކަމަށް ބަންޑާރަ ނައިބު އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އާންމުކޮށް ބަޔާންކޮށް، އިއުލާނު ކުރައްވާފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ