ބަޖެޓު ކަމުނުދަނީ ރައީސް ވެރިކަމުން ވައްޓައިނުލެވިގެން އުޅޭ މީހުންނަށް، ބަޖެޓު އަދިވެސް ކުޑައީ: ގާސިމް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ވައްޓައިނުލެވިގެން އުޅޭ މީހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވީ، ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ސިޔާސީ ބޭފުޅުން ހިމެނޭ ވަޓްސްއެޕް ގުރޫޕަކަށް ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި ގާސިމް ވިދާޅުވީ، 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށާއި އެހެން ފަހަރުތަކުގައި ވެސް ފާސްކުރަނީ ދަރަނި އޮންނަ ބަޖެޓެއް ކަމަށެވެ.
"މި ކަމުނުގޮސްގެން އުޅެނީ ރައީސް ވެރިކަމުން ވައްޓާނުލެވިގެން އެކަމާ އުޅޭ މީހުން. ކޮންމެ އަހަރަކު ވެސް ފާސްކުރާ ބަޖެޓުގައިވާ ހުރިހާ ފައިސާއެއް ނުލިބޭ އަދި ހަރަދެއް ވެސް ނުކުރެވޭ؟" ވަކި ބައެއްގެ ނަން ހާމަނުކޮށް ގާސިމު ވިދާޅުވި އެވެ.
ގާސިމު އިތުރަށް ވިދާޅުވީ، ގައުމު ތާށިވެފައި އޮތް ވަގުތެއްގައި މަޖިލީހުން އިތުރަށް ތާށިކުރުމުން ރައްޔިތުން ޖެހޭނީ ބަނޑަށް ކަމަށާއި އެގޮތަށް ހެދިގެން ނުވާނެ ކަމަށެވެ. ބޭރުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުން ފުރިހަމައަށް އެހީތެރިވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެނީ އެކަން ނުވެގެން ލިބޭ ގެއްލުން ތަހައްމަލު ކުރުމުގައި މުޅި ރައްޔިތުން ބުރަ އުފުލަން ޖެހޭނެ. ވީމާ ވަކި ގައުމަކާ ޖެހިނުގަނެ ހުރިހާ ބަޔަކާއެކީ ވަރުގަދައަށް ގުޅުން ބާއްވައިގެން ވަކި ބައެއްގެ އަތްދަށު ނުވެ ކުރިޔަށް ދާންވީ. ކާބަފައިން ދެއްކި މަގުން ހިނގަން ފަށަންވީ،" ގާސިމުގެ މެސެޖުގައި ވިދާޅުވި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ކުޑަކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، މިއަދު ވެވުނު ގޮތަކުން، ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް ރައްޔިތުންނަށް ވާން ޖެހޭ ކަމަށެވެ.
"މިކަން ނުކޮށް ސަރުކާރާ ދިމާކުރަމުން ތިޔަގެންދަނީ އެއީ މުޅި ގައުމުގެ ހަލާކު. މުޅި ރައްޔިތުންގެ ހަލާކު. ވީމާ ބަޖެޓް ފާސްކޮށްދެއްވައި ކުރިން ދެންނެވި ގޮތަށް ސަރުކާރަށް ހެޔޮ ހިތުން އެހީތެރި ވާންވީ،" ގާސިމްގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވި އެވެ.
ގާސިމް މިފަދައިން މެސެޖެއް ކުރައްވާފައިވާއިރު، ބަޖެޓް ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ބަޖެޓުގައި ހިމަނާފައިވާ ޑެފިސިޓް އަދަދުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ފާޑުވިދާޅުވެސް ވާހަކަފުޅުދައްކަވައިފަ އެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ