ތިނަދުއަށް އަދިވެސް އެއްކޮށް ކަރަންޓު ނުލިބޭ

ގދ. ތިނަދޫ އިންޖީނު ގޭގައި ހުރި އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓު ދިޔުމަށްފަހު އަދިވެސް މުޅި ރަށަށް އެއްކޮށް ކަރަންޓު ދެވޭގޮތް ވެފައި ނުވާ ކަމަށް ކައުންސިލުން ބުނެފިއެވެ. މުޅި ތިނަދޫއިން ކަރަންޓް ކެނޑުނީ ރޭ ފަތިހު 3:15 އެހާކަންހާއިރު އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އޮޓަމެޓިކް މޮޑިއުލްތައް ފޭލްވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިރޭ ސަން އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ މެމްބަރު އިބްރާހީމް އަސްއަދު ވިދާޅުވީ ރޭގެ ފަތިހު ކަރަންޓު ދިޔުމަށްފަހު ރަށަށް ކަރަންޓު ދޭން ފަށާފައިވަނީ ހަވީރު ކަމަށެވެ. އެހެންނަމަވެސް މުޅި ރަށަށް އަދިވެސް އެއްކޮށް ކަރަންޓު ދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ރަށުގެ އެއްބަޔަށް ކަރަންޓު ދީފައި ދޮޅު ގަޑިއިރު ބެހެއްޓުމަށްފަހު އަނެއް ބަޔަށް ދޮޅު ގަޑިއިރަށް ކަރަންޓު ދީގެން މެނޭޖުކުރަމުން މި ދަނީ މިވަގުތަށް،" އަސްއަދު ވިދާޅުވިއެވެ. ރަށަށް ދިމާވި ކަރަންޓުގެ މައްސަލަ އަދިވެސް އެއްކޮށް ހައްލު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބަޔަކު ރަށަށް ގޮސް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި މައްސަލަ ކޮންމެވެސް ވަރަކަށް ރަނގަޅު ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިންޖީނު ހައްލުކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް އެއްކޮށް ކަރަންޓު ދޭން ފެށޭނެ ވަގުތެއް އަދި ބުނަން ނޭނގޭ ކަމަށް އަސްއަދު ވިދާޅުވިއެވެ. އެ ރަށުން ކަރަންޓު ދިޔައީ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ކަމަށް އަޑުފެތުރިފައިވެއެވެ. އެހެންނަމަވެސް އެރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން އެވާހަކަ ވަނީ ދޮގުކޮށްފައެވެ. މީގެ ކުރިން 2016 ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާހުލިވުމުގެ ސަބަބުން ފަސް ދުވަސް ވަންދެން އެ ރަށުން ކަރަންޓް ކެނޑިފައި ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ