ސަލްމާން އެކްސިޑެންޓް މައްސަލާގައި ކަމާލް ޚާނާ ސުވާލު ނުކުރެވޭނެ ކަމަށް ކޯޓުން ބުނެފި
ސަލްމާން ޚާންގެ އެކްސިޑެންޓް މައްސަލައިގައި އޭނާގެ ވަކީލުން އިއްޔެ ހުށަހެޅި ހުށަހެޅުމެއް ބޮމްބޭ ހައިކޯޓުން ގަބޫލެއް ނުކުރި އެވެ. ސަލްމާންގެ ވަކީލުން ބޭނުންވީ އެކްސިޑެންޓްގެ އެންމެ މުހިންމު އެއް ހެކި ކަމަށްވާ ކަމާލް ޚާންއާ މިހާތަނަށް ސުވާލުކޮށްފައި ނުވާ ކަމަށް ބުނެ އޭނާއާ ސުވާލުކޮށް އޭނާގެ ބަޔާން ނެގުމުގެ ފުރުސަތު ދިނުމަށެވެ. ކަމާލް ޚާން އަކީ ސަލްމާންގެ ގާތް އެކުވެރިއެކެވެ. އަދި އެކްސިޑެންޓްވީ ވަގުތު ސަލްމާނާ އެއް ކާރެއްގައި އޭނާ ވެސް އިނެވެ. އިންޑިއާގެ ގާނޫނުތަކުގައިވާ ގޮތުން ހައި ކޯޓަށް ފެނިއްޖެ ހާލަތެއްގައި އިތުރު ހެކިންނާ ސުވާލު ކުރެވިދާނެ އެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ފަނޑިޔާރު އޭ.އާރް. ޖޯޝީ ވަނީ ކަމާލް ޚާންގެ ހެކި ބަސް ނަގަން އޭނާ ކޯޓަށް ގެނައުމަށް ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ މިމައްސަލައިގައި ކަމާލް ޚާނާ ސުވާލުކުރުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތް ކަމަށާއި ވަކި ހުކުމެއް ކަނޑައެޅޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ދައުވާކުރާ ފަރާތުން ކަމާލް ޚާން ހެއްކެއްގެ ގޮތުގައި ހުށަހަޅަން ބޭނުންވިޔަސް އޭނާ ހޯދާ ނުފެނިފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އޭރު ސަލްމާންގެ ވަކީލުން އެމީހުންގެ ފަރާތުން ހުށަހަޅާ ހެއްކެއްގެ ގޮތުގައި ކަމާލް ޚާން ހެކިބަސް ނަަގަން ބޭނުންކަމަށް އެދިފައި ނުވާ ކަމަށެވެ. "މައްސަލަ ނިމެމުން ދަނިކޮށް ސަލްމާން ޚާން ބޭނުންވީ ދިފާއީ ހެކިންގެ ގޮތުގައި އޭނާގެ ޑްރައިވަރު އަޝޯކް ސިންގް ހުށަހަޅަން. އޭރު ވެސް ބޭނުންމެއް ނުވި ކަމާލް ޚާން ހެއްކެއްގެ ގޮތުގައި ހުށަހަޅާކަށް. އެހެންވީމަ ދެން އެ ފުރުސަތެއް ނެތް،" ފަނޑިޔާރު ޖޯޝީ ވިދާޅޫވެފައިވެ އެވެ. މީގެ 13 އަހަރު ކުރިން 2002 ވަނަ އަހަރު ސަލްމާން ޚާން އިން ކާރެއް އެކްސިޑެންޓްވި އެކަކު މަރުވެ ހަތަރު މީހަކު ޒަޚަމްވި ހާދިސާގައި އޭނާ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް އިންޑިއާގެ ދަށު ކޯޓަކުން މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ހުކުމްކޮށް، ބޮމްބޭ ހައި ކޯޓުގައި މިހާރު ކުރިއަށް ދަނީ އިސްތިއުނާފު އަޑުއެހުންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ