މޫނު ބުރުގާ މަނާކުރުމަކީ ދީނީ މިނިވަންކަން ހިފެހެއްޓުން ނޫން ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ކޯޓުން ހުކުމްކޮށްފި
ފްރާންސްގެ އާންމު ތަންތަނުގައި މޫނު ބުރުގާ މަނާކުރީ ގަބޫލުކުރެވޭ ގާނޫނީ ސަބަބުތަކަކަށްޓަކައި ކަމަށާއި އެއީ ދީނީ މިނިވަންކަން ހިފެހެއްޓުން ނޫން ކަމަށް ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެ ކޯޓުން އެގޮތަށް ހުކުމްކުރީ 2011 ވަނަ އަހަރުން ފެށިގެން ފްރާންސްގެ އާންމު ތަންތަނުގައި މޫނު ބުރުގާ މަނާކޮށް ގާނޫނު ފާސް ކުރުމުން، މޫނު ބުރުގާ އަޅާ އަންހެނަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ހުށަހެޅި 24 އަހަރުގެ އަންހެން މީހާ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މޫނުބުރުގާ މަނާ ކުރުމަކީ ދީނީ އުސޫލުތަކާއި ސަގާފަތަށް އަމަލުކުރަން ހުރަސް އެޅުން ކަމަށެވެ. ނަމަވެސް ޔޫރަޕްގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެގޮތަށް މޫނު ބުރުގާ މަނާ ކުރުމަކުން އިންސާނީ ހައްގުތަކަށް އަރައިގަނެވޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަން މަނާކޮށްފައި ވަނީ ގާނޫނީ ގޮތުން ގަބޫލުކުރެވޭ ސަބަބުތަކަށް ކަމަށް ވެސް އެ ކޯޓުގެ ނިންމުމުގައިވެ އެވެ. ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީގެ ދައުރުގައި އަމަލުކުރަން ފެށި އެ ގާނޫނު ބުނާގޮތުން މޫނު އެއްކޮށް ނިވާވާ ގޮތަށް އާންމު ތަންތަނުގައި ހެދުން އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކޮށްފި މީހަކު 150 ޔޫރޯއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އެގޮތަށް ގާނޫނު ފާސްކުރުމާ އެކު މުސްލިމުންގެ ފާޑުކިޔުންތައް އެ ގައުމުގެ ސަރުކާރަށް އޭރު އަމާޒުވި އެވެ. އިއްޔެ ކުރި ހުކުމާ އެކު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މައްސަލަ ހުށަހެޅި މީހާގެ ވަކީލް ބުނީ މި ހުކުމް އަންނާނީ މިގޮތަށްކަން ކުރިން ވެސް އެނގޭ ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ. ފްރާންސްގައި ފަސް މިލިއަނެއްހާ މުސްލިމުން އުޅޭއިރު އޭގެ ތެރެއިން 2،000 އެއްހާ އަންހެނުން މޫނު ބުރުގާ އަޅާ ކަމަށްވެ އެވެ. އެ ގައުމަކީ ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މުސްލިމުންގެ އާބާދީ އެންމެ މަދު ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ