ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަނުކުރައްވާފައި ހުންނެވި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެމަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފިއެވެ.
އެމައްސަަލަ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނައުނިކޮށްފައިވާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުއްވި އެސްއެމްއެސް އެއްގައި މިއަދުގެ ޖަލްސާއަށް ޤާސިމް އިބްރާހިމް ޖޭއެސްސީ ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާކަން ވަނީ އަންގާފައެވެ.
ޤާސިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ މިއަދުގެ އެޖެންޑާގައި ހިމަނާފައި ނުވާތީ ބައެއް މެންބަރުން ވަނީ މިއަދުގެ ޖަލްސާ ފެށުމާއިއެކު އެކަން ހިގައިދިޔަ ގޮތެއް މެންބަރުނަށް ސާފުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.
އެގޮތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު އާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ނެންގެވި ނިޒާމީ މައްސަލަތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ އެއްވެސް އިރެއްގައި އެޖެންޑާކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް ނިޒާމީ މައްސަލަ ނަންގަވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވީ ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްްފައިވާކަން މެންބަރުންނަށް މިދިޔަ މަހު އެސްއެމްއެސްއަކުން އަންގާފައިވާ ކަަމަށެވެ.
"އެކަން ކުރީ މަޖިލީހުގެ ނައިބު ރައީސް. މަޖިލީހުގެ ޤަވައިދުގައި އޮންނަނީ ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ ޒިންމާތައްް އަދާކުރައްވަމުން ގެންދަވާނީ ނައިބު ރައީސް ކަމަށް. އެއުސޫލުން ނައިބު ރައީސް އެމައްސަލަ އެޖެންޑާކޮށް މެންބަރުންނަށް ވަނީ އެސްއެމްއެސް އަކުން އެކަން އަންގާފަ" އާމިރު ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުުރުމުގެ މައްސަލަ އެޖެންޑާކުރެއްވި ކަމަށް އާމިރު އިޝާރާތް ކުރައްވާ ދުވަސްވަރު މަޖިލީހުގެ ރައީސް ހުންނެވީ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެެވެ.
އާމިރުގެ ނިޒާމީ މައްސަލަ މައްސަލައަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މެންބަރުންނަށް ފޮނުއްވި އެސްއެމްއެސްގައި ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެއްވި ކަން އަންގާފައި ނުވާނެ ކަމަށާ، ނަމަވެސް އެމައްސަލަ އެޖެންޑާކުރަން ގަސްދުކުރައްވާ ކަަމަށް ބުނެފައިވާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނެގުމާއި ގުޅިގެން ނިޒާމީ މައްސަލަ ނަންގަވާ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރުން ވަޑައިގަތީ ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާތީ އެމައްސަލައިގެ ބަހުސަށް ތައްޔާރުވެގެން ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ބޭނުން އެމައްސަލަ އެޖެންޑާއިން ނެގުނު ސަބަބެއް ސާފުވާން. މަޖިލީހުގެ ޤަވައިދުގައި ރިޔާސަތަށް އެޖެންޑާ ކުރުމުގެ ބާރު ލިބިދީފައިވާ ފަދައިން އެޖެންޑާއިން ކަމެއް އުނިކުރާއިރު މެންބަރުންނަށް އެކަން އިގެންވާނެ" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު އަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ ތައްޔާރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާ، ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުުރުމުގެ މައްސަލަ އެއްވެސް ދުވަހަކަށް އަދި އެޖެންޑާކޮށްފައި ނުވާނެ ކަމަށެެވެ.
ޤާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފައިވާއިރު، މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުނު ދެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމާލީ އެމައްސަލައިގައި ވޯޓަށް ނާހައެވެ.
މަޖިލީހުގެ ރިޔާސަތުން އިއްޔެގެ ޖަލްސާ ނިންމަވާލެއްވީ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލަ ތަކުގައި ސިއްރު ވޯޓެއް ނުނެގޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމާއި ދެކޮޅަށް އެމްޑީޕީގެ މެންބަރުން ސިއްރު ވޯޓެއް ނެގުމަށް މަޖިލީހުގެ ރިޔާސަތަށް ފިއްތުއްތައް ކުރިމަތިކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލުމާއި ގުޅިގެން ނެވެ.
މިމައްސަލައަށް އިޝާރާތްކޮށް މަޖިލީހުގެ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާ އަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ބާތިލުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް އަދި ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްމުން އައިސްފައިވާ މާއްދާ އަށް ވެގެންދާނެ ގޮތެއް ސާފު ނުވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ވަނީ އިއުލާނު ކުރައްވާފައެވެ.
ގާސިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ އެޖެންޑާ އިން އުނިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ