އެއްވެސް ވަޒީރަކަށް ރުހުންދިނުމަށް އަދި ހަމަޖެހިފައި އެއްނުވޭ: އަލީ ވަހީދު
14:30 ވަޒީރުންގެ މަޖިލީހަށް ރުހުންދިނުމާ ބެހޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އެއްވެސް ވަޒީރަކަށް ރުހުންދިނުމަށް އަދި ހަމަޖެހިފައިނުވާ ކަމަށް އިދިކޮޅު ޑީއާރުޕީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމާބެހޭ ގޮތުން، އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކާއެކު ކުރިއަށްގެންދާ މަޝްވަރާތައް މިއަދުވެސް ކުރިއަށްދާކަން ފާހަގަކުރައްވައި، އަލީ ވަހީދު ވިދާޅުވީ، އެ ވާހަކަ ތަކުގައި ޑީއާރުޕީއާއެކު ބައިވެރިވަމުންދާ ހުރިހާ ޕާޓީތަކުގެ ނިންމުމާ އެއްގޮތަށް ނޫން ގޮތަކަށް އެޕާޓީން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ރުހުން ދިނުމާ ބެހޭ މައްސަލައާބެހޭ ގޮތުން، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި މިރޭ މަޝްވަރާކުރާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވޭނެކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް އަލީ ވަހީދު މިއަދު ވިދާޅުވިއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހަމަ ޖައްސައިފައެވެ.މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރެއްވުމަށްޓަކައި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އަލްއުސްތާޒު އަހްމަދު ފާއިޒުގެ ނަންފުޅު އިއްލާން ކުރުމާއި، އެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަކަށް ފޮނުވުން ހިމެނެ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މަޖިލީހަށް އިއްލާން ކުރައްވައި، އެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަކަށް ފޮނުއްވުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ