ހުޅުމާލޭ ކޯޓުގެ ބެންޗް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން: ޖޭއެސްސީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުގައި ބެންޗެއް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހައި ކޯޓުގައި ބުނެފި އެވެ. ޖޭއެސްސީން މިހެން ބުނީ ގާޒީ ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުމަށް ކަނޑައެޅި ބެންޗު ސައްހަ ނޫން ކަމަށް ބުނެ ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެވެ. ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ދައުވާ އިއްވުމުން ޖޭއެސްސީން ވަނީ ދައުވާ އަށް ޖަވާބުދާރީވުމުގެ ބަދަލުގައި އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. ޖޭއެސްސީ ވަކީލް ވިދާޅުވީ އެ ބެންޗް ޖޭއެސްސީން ކަނޑައެޅީ އެގޮތަށް ސުޕްރީމް ކޯޓުން ލަފާ ދިނުމުން ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ދިން ލަފައަކާ ގުޅިގެން ކޮށްފައިވާ ކަމަކާ މެދު އިތުރު ސުވާލެއް ނުއުފެއްދޭނެ ކަމަށާއި އެހެންކަމުން މި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ވެސް ސިޓީއަކުން ކަމަށާއި ނަމަވެސް ހައި ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ފޯމަކުން ކަމަށް ވެސް ޖޭއެސްސީގެ ވަކީލް ވިދާޅުވި އެވެ. އެކަންތައްތައް އެގޮތަށް ފާހަގަކޮށް ޖޭއެސްސީން އެދުނީ އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމަށް ރައްދު ދެއްވައި ނަޝީދުގެ ވަކީލުންގެ ޓީމުން ވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ޖޭއެސްސީން ކުރާ ކަމަކާ ގުޅިގެން މީހެއްގެ ހައްގެއް ގެއްލޭ ނަމަ ދެން އަމަލުކުރަން ޖެހޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ. ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކީ ސުޕްރީމް ކޯޓުގެ ހުކުމަކާ އެއްދަރަޖައެއްގެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ބެންޗުގެ މައްސަލާގައި މިހާތަނަށް އެއްވެސް ކޯޓަކުން އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން ހިސާން ފާހަގަކުރެއްވި އެވެ. ނަޝީދުގެ ފަރާތްޕުޅުން ކުރި ދައުވާގައި ބުނެފައި ވަނީ އެ ބެންޗް އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އެއްވެސް މައްސަލައެއް ބެލުމަށް ވަކި ފަނޑިޔާރުންތަކަކާ މައްސަލަ ހަވާލުކުރުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް އެ ދައުވާގައިވެ އެވެ. ދައުވާ އިއްވަވަމުން ހިސާން ވިދާޅުވީ މައްސަލައެއް ބަލާނެ ފަނޑިޔާރުން ކަނޑައެޅުމަކީ ކޯޓުތަކުގެ ގާނޫނުން އެ ކޯޓެއްގެ އިސް ގާޒީ އަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ތިބެގެން ސުޕީރިއާ ކޯޓުތަކުގައި މައްސަލަ ބެލިދާނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނި ނަމަވެސް މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަ ބެލުމުގައި އެގޮތަށް ބެންޗް އެކުލަވާލެވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައި ނެތްކަން ވެސް ހިސާން ފާހަގަކުރެއްވި އެވެ. އެހެންކަމުން ހިސާން އެދިވަޑައިގަތީ ޖޭއެސްސީން އެ ބެންޗް އެކުލަވާލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީވުމުގެ ބަދަލުގައި ޖޭއެސްސީން އިޖްރާއީ ނުކުތާއެއް ނެގުމުން ދައުވާގެ މައުޟޫއާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި އިތުރަކަށް ވާހަކައެއް ނުދައްކަ އެވެ. އިޖްރާއީ ނުކުތާ ނެގުމުން ނަޝީދުގެ ވަކީލުން އެދިވަޑައިގަތީ އެ ނުކުތާ އަށް އިތުރަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. މިއަދުގެ އަޑުއެހުމަށް ނަޝީދު ހާޒިރުވެ އިންނެވި ނަމަވެސް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ 30 ދުވަހުގެ މުއްދަތެއް ނުދެއްވުނު ނަމަވެސް އެކަމަށް އެކަށީގެންވާ ފުރުސަތު ނަޝީދުގެ ވަކީލުންނަށް ލިބޭނެ ކަމަށެވެ. އަދި ދެން އަޑުއެހުން އޮންނާނެ ދުވަސް ފަހުން އަންގަވާނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އިސް ފަނޑިޔާރުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު އަބްދުއްރައޫފެވެ. މިއަދުގެ ޝަރީއަތް އަޑުއެހުމަށް އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި ނަޝީދުގެ ސަޕޯޓަރުން ވަދެ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ