ޑޮކްޓަރުގެ ލަފައެއް ނެތި ކުރީގެ މެމްބަރު ނާޒިމަށް ދަނީ ބޭސްދެމުން: ވަކީލް

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް، ޑޮކްޓަރުގެ ލަފައާ ޚިލާފަށް ކަރެކްޝަނަލް ސާވިސް އިން އަމިއްލައަށް ބޭސް ދެމުންދާ ކަމަށް އޭނާގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމްގެ ވަކީލް ފަރީޝާ އަބްދުﷲ ވިދާޅުވީ ނާޒިމްގެ ބުރަކަށީގެ މައްސަލައެއް ހުންނާތީ، ތަދުކަނޑުވާ ބޭހެއް ޑޮކްޓަރުން ލިޔެދީފައި ވަނިކޮށް، އެ ބޭސް ހުސްވުމުން ޑޮކްޓަރަށް ދެއްކުމެއް ނެތި ކަރެކްޝަންސް އިން މިހާރު ނާޒިމަށް ތަދުކަނޑުވާ ބޭސް ދެމުންދާ ކަމަށެވެ. އެއީ ކޮން ކަހަލަ ބޭހެއް ކަމެއް އަދ އޭގައި ހުރީ ކޮން ކަހަލަ ސައިޑް އިފެކްޓްސްތަކެއް ކަމެއް ނޭނގޭތީ އެކަމާ ކަންބޮޑުވާ ކަމަށް ފަރީޝާ ވިދާޅުވި އެވެ. "ތަދު ފިލުވާ ބޭސްތަކަކީ އޭގައި ސައިޑް އިފެކްޓްސް ހުންނަ ބޭހެއް. އެ ސަބަބަށްޓަކައި އެއީ ސިއްހީ ގޮތުން ވެސް ރައްކާތެރިކަމެއް ނޫން. ޑޮކްޓަރެއްގެ ލަފައަކާ ނުލައި ޑޮކްޓަރީ ބޭސް ދެމުންދާތީ އެއީ ވަރަށް ކަންބޮޑުވާ ކަމެއް،" ފަރީޝާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނާޒިމަށް ދެނީ ކޮން ބޭހެއް ކަމެއް އަދި އެއީ ކިހާ ބާރުގަދަ ބޭހެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ބޭސް ކޮންމެ ދުވަހަކު ވެސް ނާޒިމަށް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ފަރީޝާ ވިދާޅުވި ގޮތުގައި ނާޒިމްގެ ބުރަކަށީގެ މައްސަލަ ގޯސްވާން ފެށީ އޭނާގެ ފިޒިއޮތޮރަޕީ ހެދުމަށާއި ކުރަންޖެހޭ ޓެސްޓްތައް ހެދުމަށް ޑޮކްޓަރުން ލަފާ ދީފައި ވަނިކޮށް އެއަށް ކަރެކްޝަންސް އިން އަމަލު ނުކުރުމުންނެވެ. އޭގެ ސަބަބުން މިހާރު ނާޒިމް ހިންގަވައި އުޅުއްވުމަށް ވެސް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމަކީ ހަކުރު ބަލި ހުންނަ ބޭފުޅަކަށް ވާތީ، ކޮންމެ އެއްޗެއް ފަރިއްކުޅުވުމުގައި ބޭނުން ނުކުރެއްވޭ ކަމަށާއި ނަމަވެސް ކަރެކްޝަންސް އިން އެކަމަށް އެއްވެސް ވަރަކަށް ނުބަލާ ކަމަށް ފަރީޝާ ވިދާޅުވި އެވެ. އަދި ނާޒިމް މިވަގުތު ހުންނެވީ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅަކަށް ބަދަލުވާ ފަދަ ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިން ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށްލާން ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކުރީ ކޮރަޕްޝަންގެ މައްސަލައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ