ސަލްޓަންސްގެ 644 މިލިއަން ރުފިޔާގެ ހުކުމް ތަންފީޒުކުރުމުގެ އަމުރަށް ހައި ކޯޓުން ބަދަލެއް ނުގެނައި
ސަލްޓަންސް އޮފް ދަ ސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ކަމަށް ކުރި 644 މިލިއަން ރުފިޔާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރެފައިވާ އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ސަލްޓަންސްގެ ފަރާތުން ނަގާފައިވާ ލޯނުތަކަކަށް ފައިސާ ދެއްކުމަށް މަދަނީ ކޯޓުން ހުކުމްކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ 15،300،000 ޑޮލަރާއި ( 35،926،000 2ރ.) 8،700،000 ޑޮލަރާއި ( 34،154،000 1ރ.) 500،000 ޑޮލަރާއި ( 7،710،000ރ.) 12،500،000 ޔޫރޯ ( 66،750،000 2ރ.) ގެ ލޯނުތަކެކެވެ. އެ ލޯނުތައް ދެއްކުމުގެ އިތުރުން އެ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް ވެސް ދެއްކުމަށް މަދަނީ ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައި ކޯޓުގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެދިފައި ވަނީ އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެފައިވާތީ ބޭންކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލު ގެނައުމަށް ނުވަތަ އެ އަމުރު ބާތިލްކުރުމަށް ބޭންކުގެ ފަރާތުން ކޯޓުގައި އެދިފައިވެ އެވެ. އެ މައްސަލައިގައި ހައި ކޯޓުން ނިންމި ގޮތް އިއްވަވަމުން ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރު ނެރެފައި ވަނީ އޭރު އަމަލު ކުރަމުން ދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ އަމުރު ނެރެފައި ވަނީ އެ މައްސަލައިގައި ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުން ރަނގަޅު ކަމަށް ހައި ކޯޓަށް ފެނިގެން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ވެސް އެ އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށް ނުވަތަ އެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް ހައި ކޯޓަށް ނުފެންނަ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އެފަދަ އަމުރަކީ ޒަމާނުއްސުރެ ހައި ކޯޓުން ނެރެމުން އަންނަ އަމުރުތަކެއް ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން ވެސް އެފަދަ އެތައް އަމުރެއް ހައި ކޯޓުން ނެރެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެފަދަ އެއްވެސް އަމުރެއް ގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. ވަގުތީ އަމުރުގެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ އިތުރުން މިއަދުގެ އަޑުއެހުމުގައި އޮތީ ސަލްޓަންސްގެ އިސްތިއުނާފުގެ ނުކުތާތަކަށް ބޭންކުން ޖަވާބު ދިނުމެވެ. ބޭންކުގެ ވަކީލު ޝާހީން ހަމީދު ވިދާޅުވީ ލޯނުތައް ނުދެއްކިފައި ވަނީ ބޭންކާއި ސަލްޓަންސްއާ ދެމެދު ވެފައިވާ ވިޔަފާރީގެ އަގުދާ ބޭންކުން ހިލާފްވެފައިވާތީ ކަމަށް ސަލްޓަންސް އިން ބުނާ ކަމަށެވެ. ޝާހީން ވިދާޅުވީ ސަލްޓަންސް އިން އެ ބުނާ ވިޔަފާރީގެ އަގުދަކީ ކްރެޑިޓް ފެސިލިޓީތައް ނުވަތަ ލޯނުތަކާ ގުޅިގެން ދޫކޮށްފައިވާ ސެންކްޝަން ސިޓީތައް ކަމަށް ބަލަންޖެހޭ ކަމަށެވެ. ޝާހީން ވިދާޅުވީ އެ ލޯނުތަކާ ގުޅިގެން ހަތަރު ސެންކްޝަން ސިޓީއެއް ބޭންކުން ސަލްޓަންސްއަށް ދޫކޮށްފައިވާ ކަމަށެވެ. ފައިސާ އަދާކުރާނެ ހަމަތަކާއި ގޮތްތައް ބަޔާންކޮށްފައި ވަނީ އެ ސިޓީތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބޭންކުން އެ ސިޓީތަކުގައި އެއްބަސްވެފައިވާ އެއްވެސް ކަމަކާ ހިލާފްވެފައިނުވާއިރު ސަލްޓަންސް އިން ވަނީ އެއްބަސްވެފައިވާ ކަންތައްތަކާ ހިލާފްވެފައި ކަމަށް ވަކީލު ވިދާޅުވި އެވެ. ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ސެޕްޓެމްބަރު 2008 ގައި ސަލްޓަންސް އިން ހުއްޓާލާފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ. ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާ ހުރެ އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކޭނެ ކަމަށް ބުނެ ޑިސެމްބަރު ،16 2008 ގައި ސަލްޓަންސް އިން ބޭންކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ބޭންކުގެ ފަރާތުން އޮޑިޓާ ޖެނެރަލް އޮފީހަށް ދޮގު މައުލޫމާތުތަކެއް ދީ އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގެ ސަބަބުން ސަލްޓަންސްއަށް 188 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައިވާ ކަމަށް ބުނެ ލޯނުގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދެއްކޭނެ ކަމަށް ބަޔާންކޮށް ސަލްޓަންސް އިން ބޭންކަށް އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ. ޝާހީން ވިދާޅުވިގޮތުގައި އެކި ސަބަބުތަކާހުރެ އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކޭނެ ކަމަށް ސަލްޓަންސް އިން ކުރިން ބުނެފައި މިހާރު ބުނަމުންދަނީ ލޯނު ނުދެއްކުނީ ބޭންކުން ވިޔަފާރީގެ އަގުދާ ހިލާފްވުމުން ކަމަށެވެ. އެހެންކަމުން އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި އެއީ ހުސް ބަހަނާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓާ ގުޅިގެން ފައިސާ ނުދެއްކޭނެ ކަމަށް ސަލްޓަންސް އިން ބުނާއިރު އެ ރިޕޯޓު ނެރެފައި ވަނީ ޖެނުއަރީ ،18 2009 ގައި ކަމަށާއި ލޯނަށް ފައިސާ ދެއްކުން ސަލްޓަންސް އިން ހުއްޓާލާފައި ވަނީ ސެޕްޓެމްބަރު 2008 ގައި ކަމަށެވެ. މީގެ އިތުރުން ޝާހީން ވިދާޅުވީ އޮޑިޓް ރިޕޯޓެއްގައިވާ އެއްވެސް ވާހަކައަކަށް ބޭންކުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓެއްގައި ދޮގު މައުލޫމާތެއް ހުރި ނަމަ އެ މައްސަލައެއްގައި ދައުވާކުރުމަކީ ސަލްޓަންސްގެ ކަމެއް ކަމަށް ވަކީލު ވިދާޅުވި އެވެ. ޝާހީން ވިދާޅުވީ އޮޑިޓް ރިޕޯޓުގެ މައްސަލައާ ގުޅިގެން ތިން ފަހަރެއްގެ މަތިން ސަލްޓަންސް އިން ބޭންކުގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދެ ފަހަރު ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެއް ދައުވާ ކޯޓުން ބާތިލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުން ރިޔާސަތުން ނިންމަވާލެއްވީ އަޑުއެހުމަށް ކަނޑައަޅާފައި އޮތް ވަގުތު ހަމަވެގެންނެވެ. ނަމަވެސް އެ މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވައި ގަޑި އިތުރުކޮށްގެން ނަމަވެސް އެއީ އެންމެ ފަހު އަޑުއެހުމަށް ހައްދަވާނެ ކަމަށް ރިޔާސަތުން ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ އޮތް އެއް ގަޑިއިރުގެ ތެރޭގައި މުޅިން ވެސް ވާހަކަ ދައްކާފައި ވަނީ ބޭންކުގެ ފަރާތުންނެވެ. ދެން އަންނަ އަޑުއެހުމެއްގައި ވެސް އެންމެ ފުރަތަމަ އޮންނާނީ ބޭންކަށް މިއަދު ނުދެއްކި ހުރި ވާހަކަތައް ދެއްކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ