ލ. ހިތަދޫ ގާޒީ އަށް ބިރުދެއްކި ކަމަށް ބުނެ މީހަކު ހައްޔަރުކޮށްފި

ލ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަލީ ރަޝީދަށް ބިރުދެއްކި ކަމަށް ބުނެ އެ ރަށު މީހަކު ހައްޔަރުކޮށްފި އެވެ. ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކުރުމަށް އަމުރެއް ނެރުނީ ކޯޓު ކައިރީގައި ހުރެ ގާޒީގެ އަތް ފައި ބިންދާލާނެ ކަމަށް ބަޔަކު ކައިރީގައި ބުނުމުންނެވެ. "އޭގެ ކުރިން ދެ ފަހަރަށް އޭނާ ގާޒީ އަށް އިންޒާރު ދީފައިވޭ. ތިން ވަނަ އިންޒާރެއްގެ ގޮތުން ބަޔަކު ކައިރީ މި ބުނީ އާދީއްތަ ދުވަހު [އިއްޔެ]ގެ ކުރިން ގާޒީގެ އަތް ފައި ބިންދާލާނަމޭ،" ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެމީހާ އެ އަތޮޅު ގަމަށް ގެންގޮސް ބެހެއްޓުމަށް ފަހު، ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރުދުވަހު އެވެ. ހިތަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ޑީއާރްޕީ އަށް ތާއީދުކުރާ އެމީހާ އެ ރަށުގެ މަގަކުން ހިނގާފައި ދަނިކޮށް، އެ ރަށުގައި އެމްޑީޕީގެ ހަރުގެއެއް އަޅާނެ ކަމަށް އެ ޕާޓީ އަށް ތާއީދުކުރާ ބައަކު ބުނުމުން އެކަން ކުރެވޭނީ ހުއްދަ ނަގައިގެން ކަމަށް އޭނާ ބުނި ކަމަށެވެ. "އެހެން ބުނީމަ އެ [އެމްޑީޕީ އަށް ތާއީދުކުރާ] މީހުން މި ބުނަނީ އަހަރެމެންގެ ވެރިކަމެކޭ، އަހަރެމެންގެ ކޯޓެކޭ، ބޭނުން ގޮތަކަށޭ މައްސަލަ ބަލާނީ. ދެން އޭނާ ބުނި ކަމަށް މިވަނީ އަމިއްލަ ކޯޓެކޭ ބުނި މައްސަލަ ކޯޓަށް ވައްދާނަމޭ. ކޯޓަށް ވަންނާނީ ވަރަ ބިނދެލާފައޭ. އެހެން ބުނެގެން ކޯޓުން އަމުރު ނެރެފައި އޮތީ އޭނާ ހައްޔަރުކުރުމަށް،" ކައުންސިލަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑީއާރްޕީ އަށް ތާއީދުކުރާ މީހާ "ވަރަ ބިނދެލާނަމޭ" ބުނީ ކޮން ކަމަކަށް ނިސްބަތްކޮށްފައި ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އޭނާ އެބަސް އަމާޒުކުރި ތިން މީހުންގެ ތެރޭގައި ގާޒީއަކު ނެތް ކަމަށް ހިތަދޫގެ ބައެއް މީހުން ބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫން މީހަކު ހައްޔަރުކޮށްފައި ވަނީ އެ ރަށުގެ ގާޒީއަކަށް ބިރުދައްކައިގެން ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ