މިއަދުގެ ދުނިޔޭގައި ލާދީނީ ހަރަކާތުގެ އެންމެ ބޮޑު އެއް އަމާޒަކީ 100 ޕަސެންޓް މުސްލިމު ދިވެހިރާއްޖެ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ގާސިމް ނެރުއްވި ތަހުނިޔާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އިސްލާމް ދީނުގެ ނޫރު ފަނޑުކޮށްލައި، ލާދީނީ ފިކުރުތަކަށް މުސްލިމުންގެ ހިތްތައް ލެންބުވުމުގެ މަކަރުވެރި ހަރަކާތަކީ ކީރިތި ރަސޫލާގެ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެއް ކަމަށާއި ރާއްޖޭގައި ލާދީނީ ފިކުރު ފެތުރުމާ، އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހުޅުވޭތޯ ބެލުމާއި ދަރީންނަށް ދީނާ ހިލާފު ތަރުބިއްޔަތު ދޭން ބާރު އެޅުންފަދަ ކަންކަމަކީ، ރާއްޖޭގެ މަސްރަހުގައި ފާޅުކަން ބޮޑު ގޮތެއްގައި މިއަދު ހިނގާ ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ގުރުއާނާ ސުންނަތް ނޫން އެހެން ހައްލެއް ދިވެހީންނަށް ބޭނުންވާ ކަމަށް ވަކާލާތު ކުރުމާ، ބަނގުރާ ބުއިމާ މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރުދިނުމާ، ފާހިޝް އަމަލުތައް ރާއްޖޭގައި އާންމުކުރުމަށް ބާރު އެޅުމަކީދިވެހި އިސްލާމީ މުޖްތަމައު ހަލާކުކުރަން އުޅޭ ބަޔަކު މިހާރުވެސް ކުރަމުންގެންދާ ކަމެއް ކަމަށާއި އެއީ ދިވެހިން ފުންކޮށް ވިސްނާލަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ.
އިސްލާމީ އާ އަހަރަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ މާތްﷲ ގެ ކަލިމަފުޅުގެ އަޑު އުފުލައި އިސްލާމްދީނަށް ނަސްރު ދިނުމުގައި ދިވެހި ކޮންމެ ރައްޔިތަކު އަޒުމު އާ ކުރުމަށާއި އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ އެއްވެސް ބަޔަކު ދިވެހި މުޖްތަމައުގެ ތެރެއަށް ވިހަލާން ދޫކޮށް ނުލުމަށާއި އެންމެން އަތުގުޅާ، އާނބަސް ބުނެ، އިސްލާމްދީނާ ދިވެހިވަންތަކަމުގެ ހިމާޔަތުގައި ޢަމަލާއި ބަހުން މަސައްކަތް ފަށަން އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އިސްލާމީ މުނާސަބަތެއްގައި ދިވެހީން ހަނދާން ބަހައްޓަންވީ އެންމެ މުހިންމު އެއްކަމަކީ، އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ދިވެހިން ދެމިތިބޭތާ 850 އަހަރަށް ވުރެ ދިގު މާޒީއެއް އޮތުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ހިޖްރީ އާ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ގާސިމް ތަހްނިޔާއާ މުބާރަކްބާދީ ފޮނުއްވާފައިވެއެވެ.
ދުނިޔޭގެ ލާދީނީ ހަރަކާތުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ