ވޭތުވި ފަސް އަހަރަކީ ގެއްލުނު ދުވަސްތަކެއް: ގާސިމް

ވޭތުވެ ދިޔަ ފަސް އަހަރަކީ ދިވެހިންގެ ހަޔާތާއި އުމުރު އަދި އިޖުތިމާއީ ދިރިއުޅުމުން ގެއްލިގެން ދިޔަ ފަސް އަހަރު ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއެކު ވިސްނަންވީ އާ ހިތްވަރަކާއި އާ އަޒުމާއެކު، ގުޅިގެން ކުރިއަށް ދާން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޕީޕީއެމާއި ޖޭޕީ ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ އުފާ ފާޅުކުރަން ލ. ގަމުގެ ރައްޔިތުން އިންތިޒާމުކުރި ހަފްލާއެއްގައި ރޭ ބައިވެރިވެވަޑައިގެން ގަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހަފުލާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ބުރުގައި އެމަނިކުފާނުގެ އެދި ވަޑައިގަތުމަށް ރައީސް ޔާމީން ދިން ވޯޓަކީ އަމިއްލަ ނަފްސަށް ދިން ވޯޓެއް ކަމަށާއި އެއީ ރާއްޖޭގެ މިނިވަން ކަމާ އިގްތިސޯދާއި އިޖްތިމާއީ ކުރިއެރުމަށާއި ހާއްސަކޮށް އިސްލާމް ދީން ނަގަހައްޓައި ދެމެހެއްޓުމަށް ދިން ވޯޓެއް ކަމަށެވެ. ލ. އަތޮޅުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށާއި އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ވޯޓް ދިން މީހުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް، ޖޭޕީ ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އަމިއްލަ ރަށާއި އަތޮޅަށް ބޭނުންވާ ތަރައްގީއާ ދެކޮޅު ވިސްނުމެއް ގެންގުޅޭ ބަޔަކަށް އެ ފުރުސަތު ދެވިއްޖެނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބަށް ދުރާލާ މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
ގާސިމް ގަމަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެމަނިކުފާނާއެކު ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ