ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ޕާޓީގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ދޭންޖެހޭ: ރައީސް މައުމޫން

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމްއަށް ޕާޓީގެ ހުރިހާ މެމްބަރުންނާއި އަދި ޕާޓީގެ ހުރިހާ ގުނަވަންތަކުން އެއްބާރުލުން ދޭންޖެހޭނެކަމަށާއި އަދި ޕީޕީއެމްގެ ހިންގާ އަސާސީ ގަވާއިދުގަވެސް އެކަން އެގޮތަށް އޮންނަ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕްރައިމަރީއަށްފަހު އެޕާޓީން އަލިމަސްއުފާ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން ރިޔާސީ ކެނޑިޑޭޓެއް އިންތިހާބު ކޮށްފައިވާ ކަމަށާއި އެހެންކަމުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއެކު ވަކި ޝަރުތުތަކެއް ކަނޑައަޅައިގެން ކުރިއަށް ދާންހުރިކަމަށް ޕާޓީގެ މެމްބަރުންނަށް ވިދާޅެއް ނުވެވޭނެ ކަމަށާއި ޕީޕީއެމް ހިންގާ އަސާސީ ގަވާއިދުގެ ދަށުން އެޕާޓީގެ ހުރިހާ މެމްބަރުންވެސް ރިޔާސީ އިންތިހާބަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި ތިބެންޖެހޭނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި. އަދި އެމަނިކުފާނަށް ވާގިވެރިވެދޭ އެހީތެރިންގެ ގޮތުގަ. މީވެސް އަޅުގަނޑުމެންގެ އަސާސި ގަވާއިދުގަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރާކަމެއް. އަލުގަނޑުމެންގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބަބުނޭ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ރިޔާސީ ޓިކެޓް ލިބޭ ފަރާތޭ، އަދި އެފަރާތަށް ޕާޓީގެ އެންމެހާ މެމްބަރުންނާ ހުރިހާ މުއްސަސާތަކެއްގެ ފުރިހަމަ ތާއީދާ އެއްބާރުލުން ދޭންޖެހޭނެކަމަށް." ރާއްޖޭގައި ދިގު މުއްދަތަކަށް ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރު ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެންކަމުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ޕާޓީގެ ހުރިހާ މެމްބަރުންވެސް އެއްބާރުލުން ދެއްވަންޖެހޭ ކަމަށާއި ޕާޓީ ހިންގާ ގަވާއިދަށްވުރެ މަތީގައި އެއްވެސް ބޭފުޅަކަށް ނުހުންނެވޭނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ އަޅުގަނޑުމެން އެމަނިކުފާނަށް އެހީތެރިކަން ވެދެއްވޭނީ ވަކި މިވެނިގޮތަކަށް އަމަލު ކުރިއްޔާއެކޭ. އެއީ އޮންނަ ގޮތެއް ނޫން." މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަކީ ރާއްޖޭގައިހުރި އެންމެ ކޮރަޕްޓް ބޭފުޅާކަމަށް ތުހުމަތު ކުރައްވާ، މެމްބަރު ނާޒިމް ފަދަ ކޮރަޕްޓް ބޭފުޅުން ގޮވައިގެން ރިޔާސީ އިންތިހާބަށް ޔާމީން ނިކުމެވަޑައިގަންނަވާނަމަ އުމަރު ނަސީރުގެ އެއްވެސް އެއްބާރުލުމެއް ނުދެއްވާނެކަމަށް ހޯމަ ދުވަހުގެ ރޭ އުމަރު ނަސީރު ވިދާޅުވި ބަސްފުޅާ ގުޅިގެން ޕީޕީއެމްގެ ބާނީ އަދި ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެެއިތުރުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ނަތީޖާ އިއުލާން ކުރިވަގުތު އުމަރު ނަސީރު، ރައީސް މައުމޫންއަށް ފޯނުން ގުޅުއްވާ ވިދާޅުވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އުމަރު ނަސީރުގެ ކެމްޕޭން ޖަގަހަ ޕީޕީއެމްގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ދެއްވާނެ ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ މެމްބަރުން އިންތިހާބު ކޮށްފައިވާ ބޭފުޅަކީ އިލްމީ ގާބިލް އަދި ތަޖުރިބާހުރި ބޭފުޅެއް ކަމަށާއި އެކަން އެކަން އެޕާޓީގެ މެމްބަރުންވެސް ބަލައިގެންފައިވާ ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ އެންމެ "ސައްހަ މެމްބަރުން" ގިނަ ޕާޓީ ކަމަށާއި އެހެންކަމުން ކޮންމެ އަމިއްލަފަރުދަކަށްވުރެ ޕާޓީ ބޮޑުވާނެ ކަމަށެވެ. އަދި އަބަދުވެސް ޕާޓިއަށް އިހުލާސްތެރި ވާންޖެހޭނެކަމަށާއި އިހުލާސްތެރިކަން އޮންނަންޖެހެނީ ވަކިބޭފުޅަކަށް ނޫންކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އިތުރަށް ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ދެމަސްތެރޭގައި ޕާޓީގައި މިހާރު ތިއްބެވި ކޮންމެ މެމްބަރަކު އިތުރު ދެ މެމްބަރުން ހޯއްދެވުމުން ޕީޕީއެމްގެ މެމްބަރުންގެ އަދަދު 93 ހާހަށްވުރެ މަތިވާނެ ކަމަށާއި އަދި ކުޑަހިތްވަރެއް ކޮށްލަނިކޮށް ރިޔާސީ އިންތިހާބު އަންނަން ވާއިރަށް ޕާޓީގެ މެމްބަރުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް އެކަމަށް ސަމާލުކަން ދީގެން ޕާޓީއަށް މެމްބަރުން ހޯދުމަށް މަސައްކަތް ކުރެއްވުމަށްވެސް ރައީސް މައުމޫން ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ