އޮޑިޓް ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނުނެރުނު

އޮޑިޓަ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓް ގާނޫނަށް ގެނައި އިސްލާހަށް ވަގުތީ ގޮތުން އަމަލު ކުރުން ހުއްޓާލުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތައް ނިންމާފައި ވަނީ އޮޑިޓް ގާނޫނަށް ގެނައި އިސްލާހް ބާތިލް ކުރުމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ހުށަހެޅުއްވި މައްސަލާގައި ގޮތެއް ނިމެންދެން، އެ އިސްލާހަށް އަމަލު ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދުމުންނެވެ. ހައިކޯޓުގެ ރެޖިސްޓްރާ ރައިފާ އަބްދުލްވައްހާބު ސޮއި ކުރައްވައި، ނިޔާޒަށް އިއްޔެ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރު ނެރެވެން ނެތް ކަމަށެވެ. ނިޔާޒްގެ ވަކީލް އިބްރާހިމް ރިފްއަތު "ހަވީރަ"ށް މިއަދު ވިދާޅުވީ އެ މައްސަލާގައި ވަގުތީ އަމުރު ނެރެދިނުމަށް އެދިފައި ވަނީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށް ކަނޑައަޅާ ދިނުމަށް ހުށަހަޅާފައިވާތީ ވާތީ ކަމަށެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން އެ ކޯޓުން ގޮތެއް ނިންމާފައި ވަނީ މިދިޔަ މަހުގެ 30ގަ އެވެ. "މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައި އެބަހުރި މަޖިލީހުން ހަދާއިފައިވާ ބައެއް ގާނޫނުތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ވެސް. އެހެންވީމަ މިކަމަކީ ވަރަސް ސީރިއަސް މައްސަލައެއް. އެހެންވީމަ ވަކި ގޮތަކަށް ނިންމުގެ ކުރިން އެއްވެސް ބަޔަކު އެ ގާނޫނަށް އަމަލު ނުކުރަން އެދިފައި ވާނީ،" ރިއްފަތު ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރު އޮޑިޓަރު ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި ނިޔާޒް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އޮޑިޓާ ޖެނަރަލްގެ މަގާމުގެ މުއްދަތަކީ ހަތް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް ގާނޫނަށް ގެންނަ އިސްލާހަކުން އެ މާއްދާ ބަދަލުކޮށްފައިވާތީ އެވެ. ގާނޫނުއަސާސީގެ 215 ވަނަ މާއްދާ ބުނެފައިވަނީ އޮޑިޓަ ޖެނެރަލް އައްޔަންކުރާނީ ހަތް އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށާއި އޮޑިޓާ ޖެނަރަލް ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރު ނޫން ދިގު މުއްދަތަކަށް އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ. ނަމަވެސް 30 ދުވަސް ތެރޭގައި އޮޑިޓާ ޖެނަރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރަން ޖެހޭ ގޮތައް ގާނޫނަށް ގެނައި އިސްލާހް ރައީސް އަބްދުﷲ ޔާމިން ތަސްތީގު ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އޮޑިޓާ ޖެނަރަލްގެ މަގާމަށް ހަސަން ޒިޔަތު ވަނީ އައްޔަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ