އައިސީސީގެ ބޯޑް މެމްބަރު ކަމުގެ ދެވަނަ ދައުރަކަށް އަފްލާހް ހޮވިވަޑައިގެންފި

ބައިނަލްއަގުވާމީ ކްރިކެޓްގެ މައި އިދާރާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ބޯޑުގެ އޭޝިއާ ރީޖަން ތަމްސީލު ކޮށްދޭނެ ބޯޑު މެމްބަރުގެ މަގާމުގައި މީގެ ކުރިން ވެސް ހުރި ރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްލާހް އެ މަގާމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ. އޭޝިއާގެ މެމްބަރު 21 ގައުމަކަށްވެސް އެ ގޮނޑިއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވާ އިރު، އަފްލާހް މި މަގާމަށް ދެވަނަ ފަހަރަށް ހޮވިވަޑައިގަތީ ސައުދީ އަރަބިއްޔާގެ މަންދޫބަކާ ވާދަކުރައްވައިގެން ހުރިހާ ވޯޓެއް ކާމިޔާބުކުރައްވައިގެންނެވެ. އަފްލާހް މަގާމަށް ހޮވުނުކަން ރަސްމީކޮށް އިއްޔެގެ ވަގުތެއްގައި އިއުލާން ކުރެއްވީ އޭޝިއާ ސަރަހައްދަށް އައިސީސީގެ ފަރާތުން ކަނޑައަޅާފައި ހުންނަ ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އަމީނުލް އިސްލާމް އެވެ. މި މަގާމަށް އަފްލާހު އެންމެ ފުރަތަމަ އިންތިޚާބުވީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އައިސީސީގައި ޖުމްލަ 104 މެމްބަރު ގައުމު ހިމެނޭ އިރު، އޭގެ ތެރެއިން 12 ގައުމަކީ ފުލް މެމްބަރޝިޕް ގައުމުތަކެވެ. އަނެއް 92 ގައުމަކީ އެސޯސިއޭޓް މެމްބަރު ގައުމުތަކެވެ. އައިސީސީގެ ބޯޑަށް އަފްލާހު ދެވަނަ ފަހަރަކަށް އިންތިހާބުވި އިރު، ރާއްޖެއަށް ވަނީ 2018 ވަނަ އަހަރު އައިސީސީގެ އެސޯސިއޭޓް މެމްބަރޝިޕްވެސް ލިބިފަ އެވެ. އެ މަގާމަށް ދެވަނަ ފަހަރަކަށް އަފްލާހު ހޮވިވަޑައިގަތުމާ އެކު އޭނާގެ ދައުރު ދެން ހަމަވާނީ 2022 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ. ކްރިކެޓުގެ ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވުމަށް ފަހު އަފްލާހް ވަނީ ދިވެހި ރާއްޖެ ސަރަހައްދީ ކްރިކެޓުގެ ވަރުގަދަ ބާރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގެ ކްރިކެޓ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަންހެނުންގެ ކުރިކެޓު ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ވަނީ ބަައިނަލް އަގުވާމީ މުބާރާތެއްގައި އަންހެން ޓީމަކުން ރާއްޖެ ތަމްސީލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ