ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި

ސުޕްރީމް ކޯޓުގައި ހިންގާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ޝާއިރުކުރަން ފަށައިފިއެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ ރެކޯޑިން ފުރަތަމަ ފަހަރަށް އާންމު ކުރަން ފެށިކަން އިއުލާން ކޮށްފައި ވަނީ ޖުޑީޝަލް އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.
މިރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް މިހާރު ހަމަޖެހިިފައިވާނެ ކަމަށާއި ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް ބެލޭނެ އިންތިޒާމް ވެސް ބަޖެޓް ލިބުނުހާ އަވަހަކަށް ހަމަޖެހޭނެ ކަމަށެވެ. އަދި ޝަރީއަތްތަކަށް ވަދެ ނިކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ ރެކޯޑިން އޭގެ ތެރޭގައި ހިމެނެ އެވެ.
ފަހަކަށް އައިސް ސުޕްރީމް ކޯޓަށް އަންނަނީ ބައެއް ބަދަލުތައް ގެންނަމުންނެވެ. ސުޕްރީމް ކޯޓު ބަލާލުމަށް ހާއްސަ ޓްއާއެއް ވެސް މިހާރު ވަނީ އެކޯޓުން ބާއްވަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ