ލީޑަރ ގާސިމް މުއައްޒަފުންނަށް އަދިވެސް ރޯދަ އިނާޔަތް ނުދޭ!

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާރުވެސް އިއުލާނު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މުއައްޒަފުންނަށް އަދިވެސް ރޯދަ އިނާޔަތް ނުދޭ ކަމަށް މަސައްކަތް ކުރާ މުއަށްޒަފުން ބުނެފި އެވެ.ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުނެއްގައި މަސައްކަތް ކުރައްވާ މުއައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ހޯރަ" އޮންލައިންއަށް ވިދާޅުވީ ހަނދު ސާބިތު ވެ މާދަމާ ރޯދަ ހިފަން މިއަހަރު ފަށާއިރު ގާސިމް ކުންފުނީގައި މަސައްކަތް ކޮށްގެން ލިބެން ޖެހޭ މުސާރަ ކޮޅުވެސް ނުލިބޭ ކަމަށާއި އަދި ޤާނޫނު ބުނާ ރޯދަ އިނާޔަތް ވެސް އަދިވެސް ޖަމާނުވާ ކަމަށެވެ."މާރިޗް މަހުގެ މުސާރަ ވެސް ލިބުނީ ވަރަށް ކުޑަކޮށް، ރޯދަ އިނާޔަތް ޖަމާވާނެ ދުވަހެއް ބުނަންވެސް ނޭގޭ، އަދި މިހާރު ކުންފުނީ ވެރިން އެބަބުނޭ ދެން މުސާރަގެ ގޮތުގައި މަހަކު ލިބޭނީ  1000 ރުފިޔާ އޭ، އަހަރެމެންގެ ވެރިޔާ އަތްމަތި މި ވަރަށް އަދި ކުއްލިއަކަށް ދަތިވީ ކީއްވެ ކަމެއް ނޭގޭ" ގާސިމްގެ ވިލާ ކުންފުނީގައި އުޅޭ މީހާ "ހޯރަ" އަށް ކިޔައިދިނެވެ.ވަޒީފާގެ ގާނޫނުގައި ބުނާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ ދޭން ޖެހެ އެވެ. ގާސިމް އިބްރާހީމްގެ ކުންފުނިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިދިޔަ މާޗް މަހުގެ ބޮޑުބައެއްގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވެ، އާމްދަނީ ވަރަށް ބޮޑު ތަނުން ދަށް ވިޔަސް، އެ މަހުގެ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް އަދަދެއް އުނިކޮށްފައި ނުވާނެ ކަމަށެވެ.ސާކިއުލާގައި އިތުރަށް ބުނީ، ރިސޯޓުތަކަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތުމުން މި މަހުން ފެށިގެން އެ އުސޫލަށް އަމަލުކޮށްގެން ވެސް މުސާރަ ދެވެން ނެތް ކަމަށެވެ. އެހެންވެ، މި މަހާއި މޭ އަދި ޖޫން މަހު ކޮންމެ މުވައްޒަފަކަށް ދެވޭނެ ކަމަށް ބެލެވެނީ 1،000ރ. ކަމަށް ސާކިއުލާގައި ވެ އެވެ. ނަމަވެސް ރޯދަ މަހުގެ އިނާޔަތާއި ސާވިސް ޗާޖު އެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، އެ ކަން އަންގާނެ ކަމަށް ވިލާ އިން ބުންޏެވެ.ގާނޫނުގައި ބުނާ އަދަދަށް ރޯދަ އިނާޔަތް ނުދިނުމަކީ ނުވަތަ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އެ އިނާޔަތް ދިނުން ލަސް ކުރުމަކީ މުވައްޒަފުން ހައްގަކުން މަހްރޫމް ކުރުމެވެ. ވަޒީފާ ދޭ ފަރާތްތަކަށް ބާރުތަކާއި އިހްތިޔާރުތަކެއް ގާނޫނުގައި ދީފައި އޮންނަ ފަދައިން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެ ގާނޫނުން ހައްގުތަކާއި މަންފާތަކެއް ލިބިގެންވެ އެވެ. އެ ހައްގުން އެއްވެސް މުވައްޒަފަކު މަހްރޫމް ކުރާ ނަމަ އެއީ ފިޔަވަޅު އެޅެން ޖެހޭ މައްސަލައެކެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ކުރަން ލާޒިމް ކަންކަން ވަޒީފާ ދޭ ފަރާތުން އަދާ ނުކުރާ ނަމަ ފިޔަވަޅު އެޅިދާނެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިިމަނާ ކުރުން ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހުއްދަ ބާތިލްކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ދީފައިވެ އެވެ. ގާނޫނުގައި ބުނާ ގޮތުގެ މަތިން އެ އިނާޔަތް ނުދޭ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑެވެ. ޚާއްސަކޮށް އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ ގިނަ މުވައްޒަފުންނަށް އިނާޔަތް ނުދެ އެވެ. ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް އެއްގޮތަކަށް ވެސް ނުދޭއިރު އަނެއް ބައި ފަރާތްތަކުން ދެނީ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުންނެވެ. މި އަހަރުގެ ރޯދަ މަސް ދިވެހިންނާ ބައްދަލުކުރާއިރު، ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެސް ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައި، އެތައް ކުންފުންޏެއްގެ މުވައްޒަފުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލު އުފެދިފަ އެވެ. އެކަމަކު، ރޯދަ އިނާޔަތަކީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މީހަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ