މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ހަފްލާއެއްގައި އެ ޕާޓީގެ މެމްބަރުންނަށާއި އާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ޕާޓީގެ ޕާޓީގެ މުސްތަޝާރު ވާހަކަ ދެއްކެވުމުން ޕީޕީއެމްގެ މައުމޫނު ފެކްޝަނުން ކަންބޮޑުވެއްޖެ އެވެ.
ޕީޕީްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ މެމްބަރުންނަށާއި އާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ޕާޓީގެ މުސްތަޝާރު ވާހަކަ ދެއްކެވުމުން ޕީޕީއެމްގެ މައުމޫނު ފެކްޝަނުން ހިތާމަ ކުރާކަމަށާްއި އެހެންކަމުން ކަމުގެ ހަގީގަތް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށާއި އާންމު ރައްޔިތުންނާނަށް އޮޅުންފިލުވައި ދިނުމަކީ ޕީޕީއެމްގެ ވާޖިބެއް ކަމުގައި ދެކޭ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ އެތެރޭގައި އުފެދިގެން އުޅޭ މައްސަލައަކީ، އެއް އާއިލާއެއްގެ ދެ ފަރުދުންގެ ދެމެދުގައި އުފެދިގެން އުޅޭ ޒާތީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި، ޕީޕީއެމް ކާމިޔާބު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމާ ގުޅުންހުރި އުސޫީލީ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ކުރުކޮށް ދަންނަވަނީ ނަމަ، އެމައްސަލައަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ބައެއް މެންބަރުންނާއި ޕާޓީގެ ބައެއް ގުނަވަންތަކުން އަމަލު ކުރައްވަމުން ގެންދަވާ މައްސަލަ. އަދި އެކަން ހުއްޓުވޭތޯ ޕީޕީއެމްގެ ރައީސް މަސައްކަތް ކުރައްވަން ފެއްޓެވުމުން، އެކަމާ ދެކޮޅު ހަދާ، އެމަނިކުފާނުގެ އަގުވައްޓާލުމަށްޓަކައި، އެމަނިކުފާނަށް މީޑީއާގައި އަޑުހަރުކޮށް ފާޑު ކިޔައި، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރު ކަނޑުވާލައި، އެބަޔަކު ބޭނުންވާހާ ގޮތަކަށް ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަންތައްތައް ކުރަމުން ދިއުމުން ނިކުމެގެން އުޅޭ ވަރަށް ބޮޑު އުސޫލީ މައްސަލައެއް،" ބަޔާނުގައިވެ އެވެ.
ޕީޕީއެމްގެ އަސާސީގެ ގަވާއިދު ބުނާ ގޮތުން ޕީޕީއެމްގެ ރައީސް އަކީ ޕާޓީގެ އެންމެ މަތީ ވެރިޔާ ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ކަންކަން އިސްލާހުކޮށް ހަމަމަގަށް އެޅުވުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސަތުގައި އޮންނަ ކައުންސިލް އަކީ، ޕާޓީގެ އެހެނިހެން ގުނަވަންތަކުގެ މައްޗައް ބަސްކިޔޭ، އަދި ބާރު ފޯރުވޭ ގުނަވަނެއް ކަމަށްވެސް ބުނެ އެވެ. މިގޮތުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ވެސް އަމަލު ކުރަން ޖެހޭނީ ކައުންސިލްގެ ލަފައާއި އިރުޝާދުގެ މަތިން ކަން ފާހަގަކޮށްފައިވެ އެވެ. މިކަން އޮތީ މިހެންކަން އަސާސީ ގަވައިދުން އޮޅުމެއްނެތި އިނގޭއިރު ޕާލިމެންޓްރީ ގުރޫޕުން އަމަލުކުރަމުން ގެންދަނީ މިއާ މުޅިން ހިލާފަށް ކަމަށް ޕީޕީއެމްގެ މައުމޫނު ފެކްޝަނުން ތުހުމަތު ކުރެ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައި އިރު، އަދި އޭގެ އިތުރުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްލާމް ދީނުގެ ހަމަ ތަކާއި، ޑިމޮކްރެޓިކް ހަމަތަކާއި ހިލާފަށް، ބިލްތައް މަޖިލީހަށް ހުށަހެޅި، ޕާލަމެންޓްރީ ގްރޫޕްގެ ތާއިދާއެކު ފާސްވަމުން ގެންގޮސްފައިވަނީ ޕާޓީގެ ރައީސަށް ވެސް އަދި ކައުންސިލަށް ވެސް އެއްވެސް އެނގުމެއްނެތި ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މިގޮތަށް ކަންކަން ހިނގަމުންދާތީ އެބާވަތުގެ މުހިއްމު މައްސަލައެއް ޕާލިމެންޓްރީ ގްރޫޕުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން ކައުންސިލަށް ހުށައަޅުއްވައިގެން، ކައުންސިލްގެ ލަފައާއި މަޝްވަރާ ހޯދުމަށް ދަންނަވައި، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަަރު އަހްމަދު ނިހާން ހުސައިން މަނިކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޕާޓީގެ ރައީސް ފޮނުއްވި ސިޓީއަށް މިއަދާ ހަމައަށްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ކައުންސިލްގެ ލަފައާއި މަޝްވަރާއަށް އެދި ހުށަހަޅުއްވާފައި ނުވާކަމަށް ބުނެފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އަސާސީ ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއް ނިމުމުން މަޖިލީސް ހިނގާދިޔަ ގޮތުގެ ރިޕޯޓެއް ވިދިގެން އަންނަ ދައުރު ފެށުމުގެ ކުރިން ކައުންސިލަށް ޕާލމެންޓްރީ ގުރޫޕްގެ ލީޑަރު ހުށައަޅުއްވަން ޖެހޭ ކަމަށެވެ. އެކަމަކު މިހާރުގެ ޕާލިމެންޓްރީ ގްރޫޕް އެކުލަވާލެވުނު ފަހުން، ރައްޔިތުންގެ 18 ވަނަ މަޖިލީހުގެ އަށް ދައުރު ހިނގާ ނިމިފައިވާއިރުވެސް އެންމެ ދައުރެއް ފިޔަވާ އެހެން އެއްވެސް ދައުރަކާއި ބެހޭ ރިޕޯޓެއް ޕާލިމެންޓްރީ ގްރޫޕުން ކައުންސިލަށް ހުށައަޅުއްވާފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
"އިސްވެ ދެންނެވި ފަދައިން މުހިއްމު ބޮޑެތި މައްސަލަތައް ޕާލިމެންޓްރީ ގްރޫޕުން ނިންމަވާފައިވާ ގޮތް ދެނެގަތުމަށްޓަކައި، ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުން ތަކުގެ ޔައުމިއްޔާ [ބައްދަލުވުން ބޭއްވުނު ތާރީހާއި، ގަޑިއާއި، ހާޒިރީއާއި، މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލް އިނގޭ ގޮތަށް] ފޮނުއްވާ ދެއްވުމަށް ޕާލިމެންޓްރީ ގްރޫޕް ލީޑަރަށް ތަކުރާރުކޮށް ދެންނެވުމުން ވެސް، މިއަދާ ހަމައަށް އެއްވެސް ޔައުމިއްޔާއެއް ފޮނުވާފައެއް ނުވޭ،" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ކައުންސިލް ނުބޭއްވި ދުވަސްތަކެއް ފާއިތު ވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މި އަހަރު ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކައުންސިލްގެ ޖަލްސާއިން، އެއްވެސް ހަގީގަތެއް ނެތް ހިޔާލީ ސަބަބެއް ދައްކަވާފައި ކައުންސިލްގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ނިކުމެވަޑައިގެން ކޯރަމް ނަންގަވާ ލައްވައި ކައުންސިލް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވި ހުރަސް އެޅުއްވުން ކަމަށެވެ. އަދި އެރޭ ކައުންސިލް ދޫކުރައްވާފައި ނިކުމެ ވަޑައިގަތީ ހަމައެކަނި ކައުންސިލްގައި ތިއްބަވާ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އެކަނި ނޫން ކަމަށާއި އޭގެ އިތުރުން ކައުންސިލް ގައި ހިމެނޭ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ގިނަބޭފުޅުން ވެސް ނުކުމެވަޑައިގަތް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ބޭފުޅުން ނިކުމެވަޑައިގަތީ ޕާޓީން ވަކިކުރައްވާފައިވާ ތިއްބެވި ދެ ބޭފުޅުން ކައުންސިލްގައި ތިއްބެވި ކަމަށް ހެއްދެވުމަށްފަހު ކަމަށާއި ނަމަވެސް ސުލޫކް ކޮމިޓީން އެކަން ޕާޓީގެ އިދާރާއަށް އަންގާފައި ނުވާ ކަން އެ ބޭފުޅުންނަށް އެންގެވި ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހުރިހާ ބޭފުޅުން ކައުންސިލް ޖަލްސާ ދޫކުރައްވައި ނިކުމެ ވަޑައިގަތީވެސް، ހައިރާންކުރުވަނިވި ގޮތަކަށް. ޖަލްސާ ކުރިއަށް ދަނިކޮށް ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޯންކޯލް އެއް އައުމުން އޭނާ ޖަލްސާ ކުރާ މާލަމުން ނިކުމެ ވަޑައިގެން އެ ކޯލް ނިންމެވުމަށް ފަހު ޖަލްސާކުރާ މާލަމަށް ވަދެ ވަޑައިގަތް. އެއަށްފަހު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ފޯންކޯލެއް އައި، އެ ކޯލްއަށް ޖަވާބުދެއްވުމަށްފަހު އަޅުގަނޑުމެން ނިކުންނަނީއޭ ވިދާޅުވެފައި ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި ކައުންސިލްގައި ހިމެނޭ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުން ގޮވައިގެން ނިކުމެވަޑައިގަތީ. ކޯރަމް ގެއްލުމުން ޖަލްސާ ނިމުނީ ކަމުގައި ޕާޓީގެ ރައީސް އިއުލާން ކުރެއްވީ. ނިކުމެވަޑައިގަތް ބައެއް މެންބަރުން ޕާޓީގެ ރައީސްގެ އަރިހުގައި ފަހުން ވިދާޅުވެފައިވަނީ، ވަރަށް ބޮޑަށް މައާފް ކުރައްވާށޭ ތިމަންމެން ނިކުމެވަޑައިގަތީ މަޖުބޫރުވެގެންނޭ" އެންމެ ފަހުން ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި ކަންހިނގާދިޔަ ގޮތް ފާހަގަކޮށް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ކައުންސިލް ގެ ބައްދަލުވުންތައް ގަވާއިދުން ނެބޭއްވި ލަސްވަމުންދިޔަ އަނެއް މުހިއްމު ސަބަބަކީ ކައުންސިލްގައި ޕާލިމެންޓްރީ ގްރޫޕް ތަމްސީލު ކުރައްވާ 10 މެންބަރަކު ތިއްބަވާ ގޮތަށް އަސާސީ ގަވާއިދުގައި ހަމަޖެހިފައިވާއިރު އެ 10 މެންބަރުން އިންތިހާބު ކުރައްވާފައި ޕާޓީ އޮފީހަށް ޕާލިމެންޓްރީ ގްރޫޕުން އެންގެވުން ވަރަށް ބޮޑަށް ލަސްކުރުމުން ކަމަށެވެ. އަދި އެ 10 މެންބަރުން ނުލައި ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އެގޮތަށް އެކަންވީ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދެއްވާނީ ޕާޓީގެ ރައީސެވެ. އަދި ކައުންސިލް ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން މެންބަރުންނަށް އެޖެންޑާ ފޮނުއްވަން ޖެހެ އެވެ. މިހެން ހެދުމުން ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގައި ބައެއްފަހަރު ސަރުކާރުގެ މުއައްސަސާ އަކުން ކޮންމެވެސް ކަމެއް ބާއްވާ ގޮތަށް ކުއްލިއަކަށް ހަމަޖެހިގެންދެ އެވެ. މިހެން ދިމާވުމުން ވަރަށް ގިނަ ކައުންސިލް މެންބަރުންނަށް ވަޑައިގެންނެވެން ނެތްކަމަށް އެންގެވުމުން ބައްދަލުވުން ކެންސަލް ކޮށްލަން ޖެހިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ކައުންސިލްގެ ދެ މެންބަރަކު މަދަނީ ކޯޓުގައި ޕާޓީގެ ރައީސްގެ މައްޗަށް ޕާޓީގެ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ދައުވާ ކުރައްވާފައިވަނިކޮށް، ކައުންސިލް ބޭއްވުމަކީވެސް ހަމަޖެހޭ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެ ދެ ބޭފުޅުން މައްސަލަ ޝަރީއަތަށް ހުށަހެޅުއްވީ އެ ދެ ބޭފުޅުންގެ އެއްވެސް މައްސަލައެއް އޮތްކަން ޕާޓީގެ ރައީސަށް އެންގެވުމަކާ ނުލައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިން ދެކޭ ގޮތުގައި އެންމެ ހަމަޖެހޭ އަދި ތަހުޒީބީ އުސޫލަކަށް ވާނީ މައްސަލައެއް އޮތް ނަމަ، ފުރަތަމަ ވާހަކަ ދައްކައިގެން އެމައްސަލައެއް ހައްލު ކުރެވޭތޯ ބެލުން ކަމަްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް އެގޮތް އިހްތިޔާރު ނުކުރައްވައި މައްސަލަ ސީދާ ޝަރީއަތަށް ހުށަހެޅުމުގެ ބޭނުމަކީ ޕާޓީގެ ރައީސްގެ އަގުވައްޓަވާލާ އަދި ޕާޓީގެ ރައީސްގެ ކިބައިން ޕާޓީ ހިންގުމުގެ ގާނޫނީ ބާރުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރެއްވުން ނޫން ކަމުގައި ބަލާނެ ތަނެއް ނެތް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
މިކަންތައްތައް މިހެންހުރުމާ އެކު ޕާޓީގެ ތެރޭގައި ޖެހިފައިވާ އުސޫލީ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރެވިދާނެ ކަމަށް މުސްތަޝާރު ވިދާޅުވި ވިދާޅުވުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫންކަމަށްވެސް ބަޔާނުގައިވެ އެވެ. ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ތަކާ ފުށުއަރާ ގޮތަށް، އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ގާނޫނު އަސާސީއަށް އިސްލާޙު ތަކެއް ގެނެވިފައިވާއިރު އަދި ހަމަ އެފަދަ ގާނޫނު ތަކެއް ޕާލިމެންޓަރީ ގްރޫޕްގެ އިސްނެގުމާ އެކު ފާސްކުރެވިފައިވާއިރު، އެކަންކަން އިސްލާހުނުކޮށް ޕީޕީއެމްގެ އަސާސީ ގަވާއިދު ރައްކާތެރި ކުރެވޭ ގޮތަށް، ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގައި އުޅެނީ އާއިލީ މައްސަލައެއް ނޫން: މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ