"އިންޑިއާ އައުޓް" ކިޔާތީ ރައީސް ޔާމީން ހައްޔަރުކުރަން މެމްބަރު ޖާބިރު ގޮވާލައިފި

"އިންޑިއާ އައުޓް" ކިޔާތީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
އެކަމަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ އަށް މެމްބަރު ޖާބިރު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 27 މެމްބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އަދި ބަހުސް ކުރަން ފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޖާބިރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭހާ ގިނަ މަޝްރޫއުތައް ހިނގަމުންދާ ދުވަސްވަރެއްގައި ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ނާތަހުޒީބު ޑްރަގް ލީޑަރުން ކުރާ ފަދަ ނާތަހުޒީބު ކަމެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ގެއްލިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރާއްޖެ މީގެ ކުރިން ނުދެކޭހާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހިނގަމުންދާކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހިނގަމުންދަނީ ބޭރު ގައުމުތަކުގެ އެހީއާއެކު ކަމަށެވެ.
އަދި މިކަމަކީ އަވަށްޓެރި ގައުމުތަކުން ދޭ އެހީތަކާއި ތަރައްގީއަށް ހުރަސް އަޅަން ވެގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ގާނޫނާ ގަވައިދުގެ ތެރެއިން ރައީސް ޔާމީން ހައްޔަރު ކުރަން އޭނާ ވަނީ ގޮވާލާފައިވެއެވެ.
އިންޑިއާއާ ދެކޮޅަށް ރައީސް ޔަމީން އިސްވެ ހިންގަވާ ހަރަކާތީ ރައްޔިތުންގެ ތާއިދު ނެތް، ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން ދެކެއެވެ.
އެ ހަރަކާތުގެ ތެރެއިން، ބާއްވާ އެއްވުންތަކުގައި ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތައް ދެކެވޭތީ އެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުންނާއި ދިފާއީ ވުޒާރާއިން ވަނީ ފާޅުކޮށްފައެވެ.
މީގެ އިތުރުން، ސަރުކާރާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ ވަރަށް ބޮޑަށް އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތް ކުށްވެރިކޮށްފައެވެ.
ސަރުކާރުން ތުހުމަތުކުރަނީ އެ ހަރަކާތަކީ އިންޑިއާ އާއި ރާއްޖެ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރީ ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ހަރުކަށި ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ