ދެމެހެއްޓެނިވި ހެޔޮ ބަދަލުގެ ސިއްރަކީ ހުއްޓާނުލައި ކެރިގެން ކުރިއަށް ދިޔުން: މިނިސްޓަރު މާރިޔާ

އެއްވެސް ދާއިރާޔަކުން ކުރިއަށްދާން ބޭނުންވާނަމަ، އަންހެނުން މައިދާން ދޫކޮށް ދިޔުމުގެ ބަދަލުގައި، ތެދުވެ، ހަށިފޮޅާލާފައި ކުރިއަށްދިޔުމަކީ ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެނައުމުގެ ސިއްރު ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވަރކް (އައިކޭން)ގެ 9 ވަނަ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް"ގެ އިފްތިތާޙީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިގު މުއްދަތަށް ދެމިގެންދާ ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރާއިރު، ޖަޒުބާތުގައި ނުޖެހި، ދިމާވާ ގޮންޖެހުންތަކާ ކެރިގެން އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން، މިނިސްޓަރ މާރިޔާ ވަނީ، އަންހެނުންނާއި ޞުލްޙަ މަސަލަސްކަމާ ހުރި ގުޅުމާ ބެހޭ އ.ދ.ގެ ތާރީޚީ ޤަރާރު 1325 އެކުލަވާލުން ހިމެނޭހެން ބުރަ މަސައްކަތްތައް ކުރެއްވި އައިކޭން ޖަމިއްޔާގެ ކޯފައުންޑަރ ސަނަމް އެންޑަރލިނީ ފަދަ އެކްޓިވިސްޓުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ، ޝުކުރުއަދާކުރައްވާފައެވެ.
މިނިސްޓަރ މާރިޔާ ވަނީ، ރައީސް ޞާލިޙްގެ ސަރުކާރުން، އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ކުރައްވާ މަސައްކަތުގައި ޙާސިލްކޮށްފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މިގޮތުން، ރެކޯޑު ޢަދަދެއްގެ އަންހެން ވަޒީރުންނާއި ސަފީރުން އައްޔަންކުރެއްވުމާއި، ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، އަންހެނުން ކުރިއަރުވާ ކޮމިޓީތައް ޤާނޫނީގޮތުން ބާރުވެރިކުރުވުމާއި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރެއްވުން ފަދަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.
އަދި ހަމައެހެންމެ، އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެމްއެންޑީއެފްގެ އެންމެ މަތީ ފަޑީގައްޔާއި ހުރިހާ ކޮމިޓީއެއްގައި އަންހެން ސިފައިން ޝާމިލްކޮށް، ގިނަ ޢަދަދެއްގެ ތަމްރީނު ފުރުޞަތުތައް އަންހެން ސިފައިންނަށް ފޯރުކޮށްދީފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުގެ ޕީސްބިލްޑަރުންނާއި ސަލާމަތީ ދާއިރާގެ މާހިރުން ބައިވެރިވާ މި 4 ދުވަހުގެ ފޯރަމް އިންތިޒާމްކޮށްފައިވަނީ އައިކޭނުންނާއި އައްޑޫ ވިމެންސް އެސޯސިއޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ