"ތާރީޚުގައި ނަންލިޔެވޭނީ ޤައުމީ ޚިދުމަތަށް ނުކުމެ މުޖުތަމަޢަށް ޚިދުމަތްކޮށްގެން"

ޤައުމު ފަޚުރުވެރިވާފަދަ ދަރިއަކަށްވެ ތާރީޚުގައި ނަން ފަވާލަން ބޭނުންވާ ކޮންމެ ކުއްޖަކުވެސް އަމާޒަކަށް ހަދަންޖެހެނީ ޤައުމީ މަސައްކަތުގައި ކެރިގެން ކުރިމަތިލައި ޚިދުމަތްތެރިއަކަށްވުމުގެ މަތިވެރި އަޒުމް ކަމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ އަމިއްލަ މަސައްކަތުގެ އިތުރުން މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ރޫޙެއްހުރި ކުއްޖަކަށްވުމަށް މިނިސްޓަރވަނީ އެދިވަޑައިގަންނަވާފައެވެ.
މަޖީދިއްޔާ ސްކޫލްގެ 95ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ނަންފަވާލެވޭ އެތައް ދަރިވަރުންނަކީ މަޖީދިއްޔާގެ ދަރިވަރުންކަމަށެވެ. އަދި މިއަދުވެސް ޚިދުމަތުގައި އެތައް ދަރިވަރުންނެއް ތިބިކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮޝިމޭނޭ ކިލެގެފާނު ފިޔަވައި ރާއްޖޭގެ ހުރިހާ ރައީސުން ނިސްބަތްވަނީ މަޖީދިއްޔާ ސްކޫލަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޤައުމު ފަޚުރުވެރިވާފަދަ ކުއްޖަކަށް ވާންބޭނުންވާ ކޮންމެ ކުއްޖަކުވެސް ކުރަންވީ ކަމަކީ ޤައުމީ ޚިދުމަތަށް ކެރިގެން ނުކުތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ތާރީޚުގައި ނަން ލިޔެލަން ބޭނުންވާ ކޮންމެ ކުއްޖަކުވެސް ކުރަންވީ ކަމަކީ ހިތްވަރާއި ފަންވަރާއެކު ޤައުމީ މަސައްކަތަށް ނުކުންނަން. ޤައުމީ މަސައްކަތުގައި ޝާމިލުވާ ބަޔަކަށް ތިކުދިންވާންވާނެ. އަމިއްލަ ބޭނުމުގެ އިތުރަށް މުޖުތަމަޢަށް ޚިދުމަތެއްކޮށްދޭ ބަޔަކަށް ތިކުދިންވާންވީ." މިނިސްޓަރ ވިދާޅުވިއެވެ.
މިއެސެމްބްލީގައި މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ފަރާތުން ވާހަކަދައްކަވަމުން ސްޓިއަރިންގ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަމްދޫން ޙަމީދު ވިދާޅުވީ މަޖީދިއްޔާގެ ނަން ރާއްޖޭގެ ތާރީޚުގައި ފަވާލެވޭ ވަރަށްގިނަ ސަބަބުތައް އެބަހުރިކަމަށެވެ. އޭގެތެރެއިންވެސް އަދުގެ ދަރިވަރުން ޢިބުރަތް ޙާސިލުކުރަންވީ އެއްކަމަކީ ޚިޔާލެއް، ވިސްނުމެއް ނުވަތަ ހުވަފެނެއް ޙަގީގަތަކަށް ހެދުމަށް މަޖީދިއްޔާގެ ދަރިވަރުން ކޮށްފައިވާ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. އެގޮތުންވެސް މަޖީދިއްޔާ ފާހަގަވަނީ ޓީމް ވޯކް ނުވަތަ ގުޅިގެން މަސައކަތްކުރުމުގައި އާދަޔާ ޚިލާފު ފޯރިއެއް ދައްކާ ދަރިވަރުން އުފެދިފައިވާ ސްކޫލެއްގެ ގޮތުގައިކަން ހަމްދޫން ޙަމީދު ފާހަގަކުރެއްވިއެވެ.
"ޤައުމު ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ތިމާ ތަރައްޤީވާން އެބަޖެހޭ. ތިމާ ތަރައްޤީވުމަށް ކުރާ މަސައްކަތަކީ ސްކޫލް ތެރޭގައި ކުރެވޭ ބޮޑު މަސައްކަތެއް. މިއަދު މިފެށި ގުނާނަ ކައުންޓް ޑައުންގައި ބައިވެރިވެ ކުރިއަށް އޮތް 5 އަހަރު ތިމާގެ ނަފްސު ތަރައްޤީކުރަން ކުރެވޭނެ ކަމެއް ނިންމާ މަސައްކަތް ކޮންމެ ކުއްޖަކުވެސް ފަށަންވީ." ހަމްދޫން ވިދާޅުވިއެވެ.
މަޖީދިއްޔާގެ 95ވަނަ އަހަރީ ދުވަހާއި ގުޅިގެންވަނީ ޚާއްސަ ކައުންޓް ޑައުންއެއް "ގުނާނަ"އިގެ ނަމުގައި ފަށާފައެވެ. އެގޮތުން މިހާރުގެ ދަރިވަރުން ކުރިއަށް އޮތް 5 އަހަރު ކޮށްދޭނެ ޚިދުމަތްތަކާއި މުސްކުޅި ދަރިވަރުން ޤައުމަށް ކޮށްދީފައިވާ އަދި ކޮށްދެމުންދާ ޚިދުމަތް ހިމަނާ މިކައުންޓް ޑައުންގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަހަރީ ދުވަހާއި ގުޅިގެން ބޭއްވި އެސެމްބްލީގައިވަނީ މިހާރުގެ ދަރިވަރުންނާއި އިހުގެ ދަރިވަރުން ބައިވެރިވެފައެވެ.
މިއަދު ދެކޭ މަޖީދިއްޔާއަކީ މަދުރަސަތުއް ސަނިއްޔާގެ ނަމުގައި 1927ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19ވަނަ ދުވަހު އޭރުގެ ރަދުން ޝަމްސުއްދީން 3 ގެ އިސްނެންގެވުމަކަށް އުފެއްދި ސްކޫލެކެވެ. މަޖީދިއްޔާގެ ނަމަށް ބަދަލުކޮށްފައިވަނީ 1960 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު އަމީނެވެ. އެންމެ 60 ދަރިވަރުންނާއެކު ފެށި މިސްކޫލްގައި މިހާރު 1500އާއި ގާތްކުރާ ޢަދަދަކަށް ކުދިން އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ