މޭރީގެ މަރު: މާވިންގެ ބަންދު އަނެއްކާވެސް އިތުރު ކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް މިއަދުވެސް ދިހަ ދުވަސް އިތުރުކޮށްފިއެވެ.
މާވިންގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ، މާވިންގެ ބަންދާ މެދު ދެން ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީގެ ކުރިމައްޗަށް ކަމަށެވެ.
މާވިންގެ މައްޗަށް އުފުލާފައިވަނީ، އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ގައި 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީވެއެވެ.
މި ދައުވާ ސާބިތުވެއްޖެ ނަމަ، މާވިން އަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ހަމަ އެއާއެކު، މޭރީގެ މަރުގެ މައްސަލާގައި މާވިން އާ އެކު ހައްޔަރުކުރި އޭނާގެ 24 އަހަރުގެ ދިވެހި ލޯބިވެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ:
ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރި ފިލިޕީންސްގެ މޭރީ ގްރޭސް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. ނަމަވެސް ޕޯސްޓްމޯޓަމުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ