”އޯ ވަޒަން” އަދި ”ގައުމަށް އައި މިނިވަން ނޫރާނީ” ފަދަ ލަވަތައް ވިދާޅުވި ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ

“ގައުމީ ގުރާ”ގެ ނަމުން މަޝްހޫރު އަދި ރާއްޖެ ދުށް އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ، އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) މިއަދު އަވަހާރަވެއްޖެ އެވެ.
ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ހޮޅުދޫ އަބްދުﷲ އަވަހާރަވީ ބަލި އެނދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނެވުމަށްފަހު މިއަދު އައިޖީއެމްއެޗުގަ އެވެ. އޭނާގެ ކަށުނަމާދު އޮންނަ ވަގުތެއް އަދި ނާންގައެވެ.
އޭނާ އެންމެ މަޝްހޫރީ ގައުމީ ލަވަތައް ވިދާޅުވުމުގަ އެވެ. އެގޮތުން ރައީސް މައުމޫން އަބްދުﷲ ގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ އަސާސީ ތައުލީމުގެ ޕްރޮގްރާމަށް މީހުން ހޭލުންތެރިކުރަން ވިދާޅުވި ލަވަތަކުގެ ތެރެއިން “ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ” ފާހަގަކޮށްލެވެ އެވެ.
އަދި މަސްވެރިކަމާއި ދަނޑުވެރިކަމަކީ މާ ދަށްފަންތީގެ މަސައްކަތްތަކެއް ކަމަށް މުޖުތަމަޢުގެ ބައެއް މީހުން ދެކެން ފަށައި، އެ ގަބޫލުކުރުންތަކާ ދެކޮޅަށް ފެއްޓެވި ކެމްޕޭނުގައި މަސްވެރިންނާއި ދަނޑުވެރިން މޯޓިވޭޓް ކުރައްވައި ތަރުހީބު ދެއްވުމަށް އޭނާ ލަވަ ވިދާޅުވެފައިވެ އެވެ.
އެގޮތުން މަސްވެރިންނަށް ތަރުހީބު ދެއްވުމަށް “އުޅެނީ މަހާ ގޮދާ، ފުމެނީ މަހާ ގޮދާ” އަދި ދަނޑުވެރިންނަށް “ދަނޑަށް ދަނޑަށްދާން ދެން ހިނގާ” ލަވަ ވިދާޅުވެފައިވެ އެވެ.
ނަމަވެސް އަނބިކަނބަލުން މާގަސްދޮށުގޭ އައިޝަތު އަނީސް ހެއްދެވި “އޯ ވަޒަން”، “ގަސް ރުކުން މަލަ ފެވޭ”، ގައުމަށް އައި މިނިވަން ނޫރާނީ” އަދި ޖޯޝޭ ގެނައިމީ ގައުމީ އުފާ” ފަދަ ލަވަތަކަކީ ހޮޅުދޫ އަބްދުﷲ އެންމެ މަޝްހޫރުވީ ލަވަތަކެވެ.
ގައުމީ ލަވަތަކުގެ އިތުރުން ލޯބީގެ ލަވަތަކާއި އިޖުތިމާއީ ލަވަތައް އަދި މަދަހަވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ހޮޅުދޫ އަބްދުﷲ ވިދާޅުވެފައިވާ މަދަހަތަކުގެ ތެރެއިން “ނެތުމުގެ ތެރެއިން މި އާލަމް” އަދި ރާއްޖޭގެ މިޒަމާން ދުށް އެންމެ މޮޅު ޅެންވެރިޔާ އަދި އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމަކާއި މަޝްހޫރު ކަމެއް އޮންނަ، ތޮއްޑޫ އާދަމް ނަސީރު އިބްރާހިމް ހެއްދެވި، “ނަފްސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް” އަދި “އެމުނޭޝިއޭ ރަންހާރުތައް” ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ