ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް، އަލުން އެ އިންތިހާބު ބެއްވުމަށް ޖުމްޙޫރީ ޕާޓީން ސްޕްރީމް ކޯޓުން އަމުރެއް ނެރެދިނުމައް އެދުނު މައްސަލަ އެކޯޓުން ބަލައިގަނެފިއެވެ.
ޖުމްހޫރީ ޕާޓީން އިއްޔެ އެ ކޯޓަށް ހުށައޅާފައިވާ މައްސަލަ ބަލައިގަނެފައިވަނީ މިއަދު އެވެ.
ސްޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެކޯޓަށް މައްސަލައެއް ހުށައެޅުމުގެ ކުރިން އެމައްސަލަ ހުށައެޅުމުގެ ހުއްދައެއް ދޭންޖެއެވެ. އެކޯޓުގެ އޮފްޝަލަކު ވިދާޅުވީ މިހާރު ޖުމްޙޫރީ ޕާޓީއަށް އެމައްސަލަ ހުށައެޅުމަށް އަންގާފައިވާކަމަށާއި، މައްސަލަ ހުށައެޅިހާއަވަހަށް އެމައްސަލައަށް ގޮތެއް ނިންމުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޖުމްޙޫރީ ޕާޓީން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ މިއަދު ބަލައިގަނެފައިވާއިރު މީގެ ކުރިން އެޕާޓީންވަނީ ހައިކޯޓުގައި ވޯޓުގެ ނަތީޖާ ސީޓް ތަކާއި، ވޯޓުގެ ރަޖިސްޓަރީ ލިސްޓުތައް ހޯދުމައްވެސް އެދިފައެވެ. އަދި އެމައްސަލައިގެ ޙުކުމް އިއްވުންނޫން އެހެން މަރުޙަލާތައް މިހާރުވަނީ ހައިކޯޓުގައި ނިމިފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މީގެކުރިން ވިދާޅުވީ އިންތިހާބުގައި މަކަރު ހެދުމާއި ގުޅިގެން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅިގެން ދިޔައީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ހުށަހެޅުނު އެންމެ ބޮޑު މައްސަލަ ކަމަށާއި މިމައްސަލަ ހުށަހެޅިއިރު ވަރަށް ގިނަ ކަންތައްތަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތަފްސީލު ދެއްވަމުން އިލްހާމް ވިދާޅުވީ އައިޑީ ކާޑުގައި ޖަހާފައިވާ އުފަން ދުވަހުގެ ތާރީހު ބަދަލުކޮށްގެން ނަންތަކެއް ހުށަހަޅާފައިވާ ކަމަށާއި އައީޑީ ކާޑުގެ ނަންތައް ބަދަލުކޮށްގެން 10،000 ވުރެ ބޮޑު އަދަދެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީ ބަދަލުކޮށްގެން 5000 އަށް ވުރެ ގިނަ އަދަދެއްގެ މައްސަލައިގެ އިތުރުން 18 އަހަރު ނުފުރޭ ކުދިން ވޯޓުލުމާއި ގުޅިގެން އެ ކުދިންގެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން މަރުވެފައިވާ 600 އަށް ވުރެ ގިނަ މީހުން ނަންތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި ދުނިޔެއަށް އުފަންވިކަން ނޭނގޭ 1،000 އަށްވުރެ ގިނަ މީހުންގެ ނަންތައް ވެސް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
ޖުމްޙޫރީ ޕާޓީން ސްޕްރީމް ކޯޓުގައި އަލުން އިންތިހާބު ބާއްވަން އަމުރެއް ނެރެދިނުމައް އެދިފައިވާއިރު މިހާރު އިލެކްޝަން ކޮމިޝަނުން ކުރިން ބުނެފައިވާގޮތަށް ރިޔަސީ އިންތިޙާބުގެ ދެވަނަބުރު މިމަހުގެ 28ވަނަ ދުވަހު ބެއްވުމަށް ދަނީ ތައްޔާރީތައް ވަމުންނެވެ.
އިންތިހާބު ބާތިލްކުރުމަށް ޖޭޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ