ދެއަހަރު ތެރޭގައި ހުރިހާ ރަށެއްގައި ޕްރީ ސްކޫލް އަޅާ ނިންމާނަން - ޝިޔާމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރެއްގައި ދެއަހަރު ތެރޭގައި ހުރިހާ ރަށެއްގައި ޕްރީ ސްކޫލް އަޅައި ނިންމާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް (ސަންޓްރެވަލް) ޝިޔާމް ވައުދުވެވަޑައިގެންފި އެވެ.
ޕީޕީއެމްއިން ރޭ އާޓިފިޝަލް ބީޗުގައި އެތައް ހާސް ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ޝިޔާމް ވިދާޅުވީ ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ކޮމްޕިއުޓަރެއް ވެސް ނެތް ކަމަށާއި ގިނަ ސްކޫލުތަކެއް ވީރާނަވަމުންދާ ކަމަށެވެ.
އަދި ތައުލީމުގެ ތެރެއިން ނިކުންނަ ކުދިންނަކީ އެކަށީގެންވާ އޮއްޓަރުހުރި ފުރިހަމަ ވިސްނުމެއް ހުންނަ މީހަކަށް ނުވާ ކަމަށް ވެސް ސަންޓްރެވަލް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޯލިޝަންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ދެވަނަ އަހަރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލް އަޅައިދޭނެ. އަދި ހަމައެއާއިއެކީގައި ރާއްޖޭގެ ކޮންމެ ޕްރީ ސްކޫލެއް ހިންގައިދޭނީ ދައުލަތުގެ އަމިއްލަ ހަރަދުގައި، މިއީ އެއްވެސް ހާލެއްގައި ޖޯކަކަށް ޖަހާއެއްޗެއް ނޫން." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މީގެކުރިން ރާއްޖޭގައި ލިޔަން ކިޔަން ދަންނަ މީހުން ވަރަށް މަދު ކަމަށާއި އެހެންނަމަވެސް ކުރީގެ ރައީސް މައުމޫންގެ ހެޔޮ ވިސްނުންފުޅުން ލިޔަން ކިޔަން ނުދަންނަ އެތައް ބައެއް މިއަދު ލިޔަން ކިޔަން ދަންނަ ބަޔަކަށްވެ ރޯފިލާފައި ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުން ވަނީ ހަގީގީ ތަރައްގީ ކަމަށާއި އެ ތަރައްގީ ގެނައުމަށްޓަކައި ރައްޖޭގެ އިގުތިސާދު އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ޔާމިނަށް ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ.
ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝިޔާމް ވިދާޅުވީ ލީޑަޝިޕް ނަގައިގެން ރައްޔިތުންގެ މަޖިލީހުގައި ވެސް ރައްޔިތުންނަށް އެންމެ ފައިދާ އާއި ލާބަ ހުންނާނެ ގޮތަކަށް މަސައްކަތް ކުރައްވާފައި ވަނީ ވެސް ޔާމީން ކަމަށެވެ.
އެމްޑީޕީއަށް އިޝާރާތްކޮށް ޝިޔާމް ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް އައި މީހުންގެ ވިސްނުން ހުރީ ރާއްޖޭގެ އަމާންކަން ނަގާލަން ކަމަށާއި ރައީސް މައުމޫން ކޮއްޓަވައިދެއްވި މަގަކީ ރަނގަޅު މަގެއް ނޫން ކަން ދައްކައި ސިޔާސީ ލީޑަރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
"އެބޭފުޅުން އޭރު ބުނަމުން ދިޔައީ ތިމަންނަމެންނަށް ވެރިކަން ނުލިބިއްޖެނަމަ ދިވެހި ރާއްޖެ ބަނގުރޫވެގެން ދާނެ ކަމަށް، އަދި ތިމަންނަމެންނަށް ވެރިކަން ނުލިބިއްޖެނަމަ ތިމަންނަމެންގެ އަމިއްލަ މުދާތައް ފޭރިގަންނާނެ ކަމަށް، އަދި ތިމަންނަމެންނަށް ވެރިކަން ނުލިބިއްޖެނަމަ ތިމަންނަމެން ފަގީރުވެ ނިކަމެތިވެ ހަލާކުވެގެން ދާނެ ކަމަށް، މިހުރިހާ އެއްޗެއް ދައްކާފައި ބުނީ އޮމާން އަމާން ދަތުރަކަށް ހިނގާށޭ ދަމާ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އާ މީހަކު ވެރިކަމަށް ގެނެސް، އާގޮތެއް ހަދައިގެން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ފަހުރުވެރި އުފާވެރި ދުވަސްތަކެއް ގެނެސްދޭނަމޭ ބުނި މީހުން ހެދީ ހުސް ދޮގު ކަމަށާއި އަނެއްކާވެސް އެ ފަރާތްތަކުން މިއަދު މިއުޅެނީ ރައްޔިތުންނަށް އަނިޔާވެރިވާން ކަމަށެވެ.
އެހެންނަމަވެސް ދިވެހި ރައްޔިތުންނަކީ ވަރަށް ވިސްނުން ތޫނު ބައެއް ކަމަށާއި ދިވެހި ރައްޔިތުންގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން އެންމެ ބޮޑު އިންޑަސްޓްރީއަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މީގެ ފަސް އަހަރެއް ދުވަސްކުރިން މި ސިނާއަތް 80 ޕަސަންޓު ހިފެހެއްޓުނީ ގައުމުތަކުން ކަމަށާއި ނަމަވެސް މިދިޔަ ހަތަރު އަހަރެއްހާ ދުވަސްކޮޅެއްވަންދެން ފަތުރުވެރިކަމުގެ އިންޑަސްޓްރީ މިއޮތީ ޔޫރަޕްގެ މާކެޓް ވަރަށް ބޮޑަށް ވެއްޓިފައި ކަމަށާއި ގާތްގަނޑަކަށް 20 ޕަސަންޓު ވެސް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ