ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީ ދޫކޮށް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
އޭނާ މިއަދު ހަވީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާ ފޯމް ހަވާލުކުރެއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމާއި އެވެ.
އަހުމަދު ރަޝީދު ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ވޭތުވެދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ކާމިޔާބުކޮށްދިނުމުގައި ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާފައިވާނެ ކަމަށާއި ނަމަވެސް މިރާއްޖޭގެ ރައްޔިތުން ނިންމީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި މިހާރުގެ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އެއް ސަބަބަކީ ރައްޔިތުން ކޯލިޝަންގެ ވެރިކަމެއް ގެންނަން ވޯޓުދިނުމުން ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ދެވަނަ ސަބަބު ހާމަކުރައްވަމުން އަހުމަދު ރަޝީދު ވިދާޅުވީ އެޕާޓީގެ ލީޑަރުގެ އަމިއްލަ ބުރަ މަސައްކަތުން ގިނަ ރައްޔިތުންނަށް ނުހަނު ފައިދާތަކެއް ވަމުންދާއިރު ޖޭޕީ އާއި ގުޅިވަޑައިގަތީ ޖޭޕީގެ ލީޑަރު ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާތީ ކަމަށެވެ.
އަހުމަދު ރަޝީދު ވިދާޅުވީ އޭނާއަށް މިއަދު މުހިންމުވީ ރައްޔިތުންގެ އަޣުލަބިއްޔަތަށް ބޯލަނބައި ތަރައްގީ ރާއްޖެއަށް ހޯދައިދޭން ކަމަށާއި ނިންމުން ނިންމަން ޖެހުނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަމަށެވެ.
އަދި ޕާޓީ ބަދަލުކުރެވިގެންދިޔައީ ރިޝްވަތުދީގެން ކަމަށް ވާހަކަތައް ދެކެވެމުންދާނެ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ވެސް ހޯރަފުށީ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
"އެބޭފުޅުން ވިދާޅުވާނެ ފައިސާއަށޭ ރުފިޔާއަށޭ، ނޫން، އެއްގޮތަކަށް ވެސް މިކަމުގައި އަގަކަށް އަޅުގަނޑަށް ޖޭޕީގެ ލީޑަރުގެ ފަރާތުން ވެސް އެއްވެސް ފަރާތަކުން ނޭދޭ، އެކަހަލަ ކަމެއް އަޅުގަނޑެއް ނުކުރާނަން، އެއީ އަޅުގަނޑަކީ އެބާވަތުގެ މީހެއް ނޫންވީމަ." އަހުމަދު ރަޝީދު ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓުދެއްވި ގޮތުން އެމްޑީޕީ މެންބަރުން އޭނާއަށް ދިމާލަށް ވަރަށް ހަޑި ހުތުރު ބަހުން މުހާތަބްކޮށް ވާހަކަތައް ދެއްކެވި ނަމަވެސް އެ މެންބަރުން ދެކެ ލޯބިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވިދާޅުވީ އަޙްމަދު ރަޝީދަކީ ވަރަށް ގާތް ރަހްމަތެރިއެއް ކަމަށާއި އޭނާއަކީ ވަރަށް ގިނަ މަސައްކަތްތަކެއް ސާބިތުކަމާއިއެކު އެމްޑީޕީއަށާއި އަދި ޑިމޮކްރަސީ ހަރުދަނާކޮށް އިސްލާހީ މަސައްކަތުގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަކީ އެޕާޓީއަށް ލިބުނު އުފަލެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން އަހުމަދު ރަޝީދު ނިންމަވާފައިވާތާ ދޮޅު އަހަރު ދުވަސް ވެއްޖެ ކަމަށާއި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ގާސިމް އަރިހު އެތައް ފަހަރަކު އެދިވަޑައިގެންނެވި ނަމަވެސް ވަގުތު ޖެހެންދެން އެކަން ނުކުރެއްވުމަށް އެންގެވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަޙްމަދު ރަޝީދު ޖޭޕީއާއި ގުޅިވަޑައިގެންފައިވާއިރު ޕްރޮގްރެސިވް ކޯލިޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާއަށް ކުރިމަތިލައްވަން އޭނާ ވަނީ ނިންމަވާފައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާނަމަ އެބޭފުޅަކަށް އެދާއިރާއެއްގެ ޓިކެޓް ދިނުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވާތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހޯރަފުށި ދާއިރާގެ ކޯލީޝަންގެ ޓިކެޓް އަހްމަދު ރަޝީދަށް ލިބިގެންދާނެ ކަމަށެވެ.
އަހްމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމާއި ގުޅިގެން އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައެވެ.
އެއީ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދުއާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދުއާއި އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ