ގާޒީ އާއި ދިމާލަށް ތެންކިޔޫ ފޯ ރިލޯޑްއޭ ބުނި މީހާ މިނިވަންވެއްޖެ

ކްރިމިނަލް ކޯޓުގެ ގާޒީއަކާއި ދިމާލަށް "ތެންކިޔޫ ފޯ ދަ ރީލޯޑް" ބުނެގެން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވި މީހާ ހުކުމް ތަންފީޒު ކުރުމަށް ފަހު މިނިވަން ވެއްޖެއެވެ.
ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ހަމަހަށް ޖަލަށް ލާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ލިޔޯން، އަނިލް މުފީދެވެ. އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ.
އަނިލްއަކީ އިދިކޮޅު ފަރާތްތަކުން މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަރާތެކެވެ. އޭނާ ޖަލަށްލުމަށް ހުކުމް ކުރީ އެދުވަހުގެ މުޒާހަރާއިން ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައި ދިނުމުން ތިޔަ ކޮށްދެއްވި ރިލޯޑަށް ޝުކުރިއްޔާ އޭ ބުނުމުންނެވެ.
އޭނާގެ މައްޗަށް ޙުކުމް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުން ކުށްވެރިވެގެންނެވެ. އަނިލްގެ މައްޗަށް އަދަބު ކަނޑައެޅީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ.
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭ ކަމެއް އެއްވެސް ފަރާތަކުން ޝަރީއަތުގެ މަޖިލީހުގައި ނުވަތަ ކޯޓުގެ އިމާރާތުގެ ތެރޭގައި ނުވަތަ ގޯތިތެރޭގައި ހިންގައިފި ނަމަ އެފަދަ ފަރާތެއްގެ މައްޗަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އެ ގަވާއިދު ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކަނޑައިގެން އަދަބު ކަނޑައަޅާނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ