ކާށިދޫ ދާއިރާގެ ގޮނޑީގެ ވޯޓުލުން ވެސް އެޕްރީލް މަހު 14 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކާށިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ވެސް އަންނަ އެޕްރީލް މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މި ގޮތަށް އިއުލާން ކުރީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްލާއިލް އަބްދުލްހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް ކުރި ހުކުމްގެ ޝަރުއީ ހުރިހާ މަރުހަލާތަކުގެ ކޯޓަކުން އެ ހުކުމަށް ތާއިދު ކުރުމުންނެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހުސްވެފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން އެދޭ މީހުން މާދަމާ ހެނދުނު 9:00 އިން ފެށިގެން އަންނަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވޭނެ ކަމަށެވެ.
އެފްރީލް 14 ވާ ހޮނިހިރު ދުވަހު ކާށިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބާއްވާނީ އެދުވަހު ހެނދުނު 8:00 ފެށިގެން ހަވީރު 4:00 އަށެވެ. ނަމަވެސް ބައި އިލެކްޝަންގެ ވޯޓް ފޮށި ބަހައްޓާނެ ތަންތަނެއް އަދި އިލެކްޝަންސް ކޮމިޝަނަކުން އިއުލާނެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ފުރުއްވެވި އިސްލާއިލް އަބްދުލްހަމީދާއި ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވެވި މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލުނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މެންބަރު ކަމުގެ ޝަރުތު ފުރިހަމަނުވާތީ އެވެ. ގާނޫނޫ އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދާ މީހަކު ނަމަ އެ މީހަކު މެންބަރު ކަމުން ވަކިވާނެ ކަމަށެވެ. މުސްތަފާގެ ގޮނޑި ގެއްލުނީ އެ ޝަރުތު ފުރިހަމަ ނުވާތީ އެވެ.
އެ މާއްދާގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ. އިސްލާއިލް އަބްދުލް ހަމީދު ގޮނޑި ގެއްލުނީ އޭނާގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެ ދޮޅު އަހަރު ދުވަހަށް އަރުވާލުމަށް ޝަރުއީ ހުރިހާ މަރުހަލާއަކުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ