ރައްޔިތުންގެ މަޖުލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައިގެން ވޭސްޓް މެނޭޖްމެންޓަށް ކޮޅުވެއްޓިއެއް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގައި ކުށުން ބަރިއްޔަވުމަށް ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް މިއަދު ވިދާޅުވުމުން ގާޒީ އެ ފުރުސަތު ދެއްވުމަށް އިންކާރުކުރައްވައިފި އެވެ.
"ކޮޅުވެއްޓި ގެނައުމުގައި ހިޔާނާތުގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އަޅުގަނޑު މާތްﷲ ގަންދީ ހުވާކުރަން،" އިސްމާއިލް އަބްދުލް ހަމީދު ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ހުލާސާ ބަޔާން ހުށަހެޅުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިގޮތަށް ދެ ފަހަރު ވިދާޅުވުމަށް ފަހު އިސްމާއިލް އަބްދުލް ހަމީދު ވަނީ އޭނާ އަށް ހުވާލައިދެއްވުމަށް ގާޒީ އަބްދުﷲ ދީދީ އަރިހު އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން ހުވާކުރަން ނުޖެހޭނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގެ ދަށުން ވެސް އެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ލިބިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާދިން ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް އިންކާރުކުރައްވަމުން އިސްމާއިލް އަބްދުލްހަމީދު ވިދާޅުވީ ކޮޅުވެއްޓި ގެނައުމުގައި ހުރިހާ ގޮތަކުން ވެސް ދިވެހި ދައުލަތަށްވެފައި ވަނީ ފައިދާ ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިވެރިން އޭނާއާ އެއްކޮޅަށް ހެކިބަސް ދިންކަން ފާހަގަކުރައްވާފައިވެ އެވެ.
"ނަމަވެސް އެކަމުގެ އިނާމެއްގެ ގޮތުން ދައުލަތުން އަޅުގަނޑުގެ މައްޗަށް މި ކުރީ ކޮރަޕްޝަންގެ ދައުވާއެއް، މީ ޕީޖީން ސިޔާސީ މަގްސަދަކަށް ޓަކައި އަޅުގަނޑުގެ މައްޗަށް ކުރާ ދައުވާއެއް" ދިފާއީ ވަކީލަކާ ނުލައި ޝަރީއަތުގައި ވާހަކަދައްކަވަމުން އިސްމާއީލް އަބްދުލްހަމީދު ވިދާޅުވި އެވެ.
ހުލާސާބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ އެންމެ ފަހުން ދައުލަތުން ޝަރީއަތަށް ހުށަހެޅި ލިޔެކިތުންތަކަކީ ކޮޅުވެއްޓި ގެނައުމުގައި އިސްމާއީލް އަބްދުލްހަމީދު ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މިންވަރުގެ ހެކިތަކެއް ކަމަށެވެ.
ރާބިއު ވިދާޅުވީ ކޮޅުވެއްޓި ގެނައުމަށްވެފައިވާ އެއްބަސްވުމާ ހިލާފަށް އިސްމާއިލް އަބްދުލް ހަމީދު އަމަލުކުރައްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮޅުވެއްޓި ދައުލަތަށް ނުލިބެނީސް ކޮޅުވެއްޓި ލިބިއްޖެ ކަމަށް ބުނެ އެ އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ، އުޅަނދު ގެނައި ކުންފުންޏަށް ހޯދާދީފައިވާ ކަމަށެވެ. އަދި އެ އުޅަނދު ގެނައުމުގައި އުޅަނދު ގެނައި ކުންފުންޏާ އެކު އެކުވެފައިވާ އެއްބަސްވުމަކީ ވެސް އެދުވަސްވަރު އަމަލުކުރަމުން ދިޔަ މާލީއްޔަތު ގަވާއިދާއި ހިލާފު އެއްވަސްވުމެއް ކަމަށް ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑުއެހުންތައް ނިންމާލި ނަމަވެސް މި މައްސަލާގައި ހުކުމްކުރައްވާނެ ދުވަހެއް ގާޒީ ވިދާޅެއްނުވެ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ހ. ގައިވާ ގޮތުން ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކުން ނުވަތަ ކުރާ ކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެކެވެ. އަދި އެއިން ކުށެއްކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ސަބަބުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަން ޖެހުން ހިމެނެ އެވެ.
ކޮރަޕްޝަންގެ އަމަލެއް ނުހިންގާ ކަމަށް ހުވާކުރުމުގެ ފުރުސަތު އިސްމާއީލް އަބްދުލް ހަމީދަށް ގާޒީ ނުދެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ