ކޮންފަރެންސަށް ވަޑައިގަތުމުގެ ހަރަދު ގާޒީ ނައީމަށް ވެސް ވާނީ ދީފައި: ފިނޭންސް

"ކޮމަންވެލްތު ޖަޖަސް އެންޑް މެޖިސްޓްރޭޓްސް ކޮންފަރެންސް 2011" ގައި ފުރާވަޑައިގަތުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް އެ ދަތުރުކުރުމަށް ފިނޭންސުން ހުއްދަ ނުދޭ ކަމަށް ބުނެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދަތުރު ކެންސަލްކޮށްފައިވާ ކަމަށް ގާޒީ މުހައްމަދު ނައީމް ވިދާޅުވި ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ދަތުރުގެ ހަރަދު ފިނޭންސުން ނުދިން ކަމަށް ބުންޏަސް ސުޕީރިއާ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުން ނުހިމަނައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ފުރުސަތު ދީފައިވާ ކަމަށާއި އެއީ "އަޅުގަނޑުމެންނަށް ލިބެންވާ ތަމްރީނު ލިބުމުން މަހްރޫމްކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް" ވިދާޅުވެ ޖުވެނައިލް ކޯޓުގެ ގާޒީ ނައީމް ވަނީ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން އުއްތަމަ ފަނޑިޔާރަށް އިއްޔެ ސިޓީއެއް ފޮނުއްވައިފަ އެވެ.
ފިނޭންސުން ބުނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ހައި ކޯޓް އަދި ސުޕްރީމް ކޯޓުން ހަތް ބޭފުޅަކު މެލޭޝިއާގައި އޮންނަ ކޮންފަރެންސަށް ވަޑައިގަތުމަށް ޖުމުލަ 85،963.20 1ރ. މިއަދު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ތެރޭގައި ގާޒީ ނައީމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ފިނޭންސުން ކަށަވަރުކޮށްދިނެވެ.
ފިނޭންސުން ބުނީ ދަތުރު ހަރަދު ހަމަޖައްސަނީ ރައްޔިތުންގެ މަޖިލީހުން ޖުޑީޝަރީ އަށް ފާސްކޮށްފައިވާ ބަޖެޓްގެ ތެރެއިން ކަމަށް ވިޔަސް އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވެގެންދާ ހާލަތްތަކުގައި ހަރަދުތައް ކޮންޓްރޯލްކުރާ ކަމަށެވެ. އެގޮތަށް ހަރަދު ކޮންޓްރޯލްކުރަނީ ބޭރަށް ކުރާ ދަތުރުތައް މަދުކޮށްގެންނާއި ކެޕިޓަލް ހަރަދު ފަދަ ހަރަދުތައް ކުޑަކޮށްގެން ކަމަށް ވެސް ފިނޭންސުން ބުންޏެވެ. ނަމަވެސް ބަޖެޓަށް ބަރޯސާވާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި ދޫދޭ ކަމަށް ބުންޏެވެ. އަދި ގާޒީ ނައީމް ދަތުރުގެ މައްސަލާގައި ހަރުކަށިކަމާ އެކު އަމަލުކުރައްވާފައި ވަނީ ދަތުރުގެ ކަންތައް މުޅިން ހަމަނުޖެހެނީސް ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
މަޖިލީހުގެ ރުހުން ނުލިބެނީސް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅުއްވާ މައްސަލަތައް ނުބައްލަވަން ނިންމެވި މައްސަލާގައި މިދިޔަ މާޗް މަހު ސިވިލް ކޯޓުން ޖުވެނައިލް ކޯޓަށް ބަދަލުކުރި ގާޒީ ނައީމްގެ ސިޓީ މީޑިއާގައި އާންމުކޮށްފައި ވަނިކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވެސް މިއަދު ވަނީ ކޮންފަރެންސްގައި ހަތް ފަނޑިޔާރަކު ބައިވެރިވެ ވަޑައިގަތުމުގެ ދަތުރު ހަރަދު ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓްތަކުގެ ތެރެއިން ކޮންމެ ކޯޓަކުން ފަނޑިޔާރަކު ހިމެނޭ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ. އެ ބޭފުޅުން މި މަހުގެ 17 ގައި ފުރާވަޑައިގަތުމަށް ފަހު 22 ގައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ