އިތުރު ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް – މައުމޫން

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ "ވީޓީވީ" އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "މެހެމާން ސަރާ" ޕްރޮގްރާމްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.
އެޕްރޮގްރާމްގައި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހިންގުން ކޯޓް މެދުވެރިކޮށް، ޕާޓީގެ މުސްތަޝާރާއި ހަވާލްކުރައްވާފައި ވީނަމަވެސް އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވާކަމަށެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑުގެ ހިތެއް ނުބުނޭ އިތުރު ސިޔާސީ ޕާޓީއެއް އުފައްދަންވީއެކޭ. އެއީ ވަރަށް ގޮންޖެހުން ބޮޑުކަމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސްކަމުގެ މަގާމު ގެއްލިއްޖެނަމަ އަމަލްކުރައްވާނީ ކިިހިނެތްތޯ ޕްރެޒެންޓަރު ސުވާލު ކުރެއްވުމުން ރައީސް މައުމޫން ވިދާޅުވީ އޮތީ އެންމެ ގޮތެއްކަމަށާއި އަަމަލްކުރަން އޮތީވެސް އެންމެ ގޮތެއްކަމަށެވެ. އެއީ ޕީޕީއެމްގެ ސަރުކާރު ޕާޓީގެ އުސޫލްތަކުގައި ހިފަހައްޓާ އަސްލަށް ރުޖާއަވުންކަމަށާއި އޭރުން މައްސަލަތަކަށް ހައްލު ލިބޭނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މިހާރު ހުރި ހަގީގީ މައްސަލަތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ ދެއްތޯ. ކޮބައިކަން ޕާޓީގެ އުސޫލްތަކާއި ހިލާފަށް ކުރެވެމުންދާ ކަންތައްތަކަަކީ. އެކަން ރަނގަޅު ކުރަންޖެހެނީ. އެއްގޮތަކަށްވެސް އައު ޕާޓީއެއް އުފެއްދުމެއް ނޫން މުހިންމީކީއެއް ދެއްތޯ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ޕީޕީއެމްގެ ޕްރައިމަރީ ރައީސް ޔާމީން ކާމިޔާބުކުރެއްވުން ކަމަށެވެ.
ރައީސް ޔާމީނަކީ އާއިލީ ބޭފުޅަކަށްވީތީ މިއަދު ވެރިކަމުގެ ތެރެއިން ފެންނަމުންދާ ކަންކަމުގެ ސަބަބުން ވަރަށް ދެރަވެ ކަންބޮޑުވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"މާބޮޑަށް އަސަރުކުރާނެ ދެއްތޯ؟ އާއިލާ ބޭފުޅަކު ވެރިކަމުގައި ހުރެ ކަންކަން ދާގޮތުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ