ދަތެއް ނެތް ޕާޓީއެއް ކަމަށް ސިފަ ކުރައްވައި މައުމޫން ޑީއާރުޕީ ދޫކޮށްލައްވައިފި

އިދިކޮޅު ޑީއާރުޕީ އަކީ ސިޔާސީ "ދަތެއް ނެތް" ޕާޓީއެއް ކަމަށް ސިފަ ކުރައްވައި އެ ޕާޓީގެ އެންމެ ޝަރަފުވެރި މަގާމުގައި ހުންނެވި ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ޑީއާރުޕީން ވަކިވެ ވަޑައިގެންފި އެވެ.
މީގެ ހަ އަހަރު ކުރިން މައުމޫން އުފެއްދެވި ޑީއާރުޕީ އެ މަނިކުފާނު ދޫކޮށްލައްވައި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޑީއާރުޕީގެ މެމްބަރުކަމުގެ އިތުރުން ޒައީމްގެ މަގާމުން ވެސް ވަކިވެ ވަޑައިގެންނެވީ ކަމަށެވެ.
މައުމޫން ޑީއާރުޕީ ދޫކޮށްލެއްވިއިރު އެ މަނިކުފާނު ވަނީ އާ ޕާޓީއެއް ހަދަން ނިންމަވައި މެމްބަރުންގެ ސޮއި ހޯއްދެވުމުގެ މަސައްކަތް ރޭ ފައްޓަވައިފަ އެވެ.
ތަސްމީނަށް ފޮނުއްވި އިސްތިއުފާގެ ސިޓީފުޅުގައި މައުމޫން ވިދާޅުވީ ތަސްމީން ޑީއާރުޕީގެ ލީޑަޝިޕާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޕާޓީ ހިންގަވަމުން ގެންދަވަނީ އާންމު މެމްބަރުންގެ ވިންދާ ހިލާފަށް އަދި ޕާޓީ އުފެއްދި މަގުސަދުތަކާ މުޅިން ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ތަސްމީންގެ ލީޑަޝިޕްގައި ޑީއާރުޕީގެ މުހިންމު ގުނަވަންތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށެވެ.
"ޕާޓީގެ ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމަކުން ނުދެ އެވެ. ކައުންސިލްގެ ޖަލްސާއެއް ނުބާއްވައި ދެ މަސް ތިން މަސް އެބަދެ އެވެ. ބޭއްވޭ ކޮންމެ ފަހަރަކު ވެސް ބޭއްވެނީ، މަނިކުފާނު ކުއްލިއަކަށް، އަންގަވައިގެންނެވެ. ބަހުސް ކުރެވޭ މައްސަލަތައް މަނިކުފާނުގެ ޓީމުގައި ނުހިމެނޭ މެމްބަރުންނަށް އެނގިވަޑައިގަންނަވަނީ ވެސް ޖަލްސާ އަށް ހާޒިރުވެ ވަޑައިގަތުމުންނެވެ. އަދި މަނިކުފާނު ކައުންސިލްގެ ޖަލްސާތަކަށް ވަޑައިގަންނަވަނީ، ކުރިން މައްސަލަ ވަކި ގޮތަކަށް ނިންމަވައިގެންނެވެ. ކައުންސިލް މެމްބަރުންނަށް އޮންނަނީ ހަމައެކަނި މަނިކުފާނު ހުށަހަޅުއްވާ ގޮތަކަށް އެއްބަސްވެ ވަޑައިގަތުމުގެ އިހުތިޔާރެވެ،" މައުމޫންގެ ސިޓީގައި ވެ އެވެ.
މައުމޫން ވިދާޅުވީ ތަސްމީންގެ އަމަލުތައް އިސްލާނު ނުކުރެއްވުމުން 2013 ގެ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ ވަޑައިގަތުމަށް ތަސްމީނަށް އެރުވި ތާއީދު އަނބުރާ ގެންނަން ވެސް މަޖުބޫރުވެ ވަޑައިގެންނެވި ކަމަށެވެ. މައުމޫން އަދި ވިދާޅުވީ ތަސްމީން ޑީއާރުޕީ އާ ހަވާލުވެ ވަޑައިގަތުމަށް ފަހު އަސާސީ ގަވާއިދާ ހިލާފަށް އަދި ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކުރައްވާ ކަންކަން އިސްލާހު ކުރެއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން އެއަށް އިޖާބަ ދެއްވާފައި ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި ތަސްމީންގެ އަމަލުތައް ދިޔައީ "އެއް ދުވަހުން އަނެއް ދުވަހަށް ހަރުކަށިވަމުން" ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
"އަދި މަނިކުފާނު ގެންދެވީ އަޅުގަނޑުގެ މަޝްވަރާއަކަށް ބޭނުންފުޅު ނުވާ ކަމަށް މީޑިއާގައި ސަރީހަކޮށް ވިދާޅުވަމުންނެވެ. އޭގެ ނަތީޖާ އަކަށް ވެގެން ދިޔައީ، މި ޕާޓީީ އާ މެދު ރައްޔިތުން ކުރަމުންދިޔަ ފޮނި އުއްމީދުތައް މުޅިން އެހެން ގޮތަކަށް ބަދަލުވެގެން ދިއުމެވެ. އަދި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ނަމުގައި ޑީއާރުޕީ އޮވެގެންމެ، ރައްޔިތުންގެ މަސްލަހަތަށް އުނިކަން ލިބޭފަދަ ގޮތަކަށް، ސަރުކާރުން ދޫދީގެން މަސައްކަތްކުރާ ޕާޓީއެއް ކަމުގެ ހުތުރު ނަން ލިބެމުން ދިއުމެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން އަދި ވިދާޅުވީ ޑީއާރުޕީ އަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ޕާޓީ އަކަށް މިހާރު ނުވާ ކަމަށެވެ.
"އަދި މިފަދަ ހާލަތެއްގައި މި ޕާޓީގެ ޒައީމް ކަމުގެ މަގާމުގައި ދެމި ހުރުމަކީ، އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫނެވެ. އެހެންކަމުން މިއަދު އަޅުގަނޑަށް މަޖުބޫރުވަނީ، ޑީއާރުޕީގެ ޒައީމް ކަމުގެ މަގާމުން ހިތާމައާއެކު އިސްތިއުފާ ދިނުމަށެވެ. އަދި ޑީއާރުޕީގެ މެމްބަރުކަމުން ވެސް ހިތާމައާ އެކު ވަކިވުމަށެވެ. އެހެންކަމުން ޑީއާރުޕީގެ ޒައީމް ކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަދި ޑީއާރުޕީގެ މެމްބަރުކަމުން ވެސް ހަމަ މިއަދުން ފެށިގެން އަޅުގަނޑު ވަކިވެއްޖައީމެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
އަމިއްލަފުޅަށް އުފެއްދެވި ޕާޓީ މައުމޫން ދޫކޮށްލައްވައި އާ ޕާޓީއެއް އުފެއްދުމުގެ ދަތުރު ފައްޓަވާފައިވާއިރު ޑީއާރުޕީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ މައުމޫނާ އެކު ޑީއާރުޕީން ވަކިވެ ވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ވަނީ އޭނާ އުފެއްދެވި ޕާޓީ، ޕީއޭ އިން ވަކިވެވަޑައިގެން ފުރަތަމަ މީހެއްގެ ގޮތުގައި އާ ޕާޓީ އަށް އިއްޔެ ހަވީރު ސޮއިކުރައްވައިފަ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި އިއްޔެ އާއި ރޭ "ރާނބާ" ރެސްޓޯރެންޓުގައި އާ ޕާޓީ އަށް ސޮއިކުރުމަށް ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޑީއާރުޕީގެ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ