ރާއްޖޭގެ މާކެޓްތަކުގައި މި ހުންނަ ތަކެތީގެ ހަކަތައިގެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ސީޑީއީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގް ސެޓޭޓް މިނިސްޓަރ އަމްދުﷲ މަތީން މުހައްމަދެވެ. އަދި ސީޑީއީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް މަރިޔަމް ހަނާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ މަތީން ވިދާޅުވީ މިއަދު މި ވެވެނު އެއްބަސްވުމަކީ ހަކަތައިގެ ދާއިރާގައި ހަކަތަ ބޭނުންކުރާއިރު، އިސްރާފްކުރެވޭ މިންވަރު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރެވޭ ދިރާސާ މަސައްކަތެއްކަމަށެވެ.
މަތީން ވިދާޅުވީ އިމާރާތެއް ނިންމާފައި އެތާގައި ބޭނުންކުރެވޭ ތަކެއްޗަކީ އެނާޖީ އެފިޝަންޓް ތަކެތިކަމުގައި ވާންޖެހޭނެކަމަށެވެ. އެގޮތުން ވީހާވެސް މަދުން ހަކަތަ ބޭނުންކުރެވޭ ތަކެތި ކަމުގައި ވަނީނަމަ، ކަރަންޓް ބިލް ވަރަށްބޮޑުތަން ކުޑަވެގެންދާނެކަމަށް މަތީން ވިދާޅުވިއެވެ.
މިހާރު އާންމު ދިރިއުޅުން ހުންނަ ގޮތުން ހުރިހާ އެންމެންވެސް ކުރާ އަސާސީ ކަންކަމަށް އަސާސީ ތަކެތި ބޭނުންވެއެވެ. އެތަކެތި ގަންނައިރު މި ގެނެވެނީ ހަކަތައިގެ މިންވަރު ދަށް އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލޭނެ ނިޒާމެއް އަދި މިހާތަނަކަށް ރާއްޖޭގައި ގާއިމްކުރެވިފަ ނެތްކަމަށް މަތީން ވިދާޅުވިއެވެ.
"މި ސީޑީއީ އިން ބަލާނެ ރާއްޖޭގަ ބޭނުންކުރާ ތެކެއްޗަކީ ކޮންގޮތަކަށް ބޭނުންކުރާ ތަކެއްޗެއް ތޯ. އާންމުގޮތެއްގައި މި އެއްޗެއްސަކީ ކިހާވަރެއްގެ އެފިޝަންޓް ތަކެތި ތޯ". މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ އަމާޒަކީ މުސްތަގުބަލުގައި ރާއްޖޭގެ އާންމު ރައްޔިތުންނަށްވެސް އަދި ހުރިހާ ފަރާތްތަކަށްވެސް މާކެޓްގައި މި ހުންނަ ތަކެތި ގަންނަން ދާއިރު، އެތަކެތީގައި ކަރަންޓް އެފިޝަންޓް ހުންނަ މިންވަރު ދެނެގަނެވޭނެ ގޮތަކަށް އޭގައި ލޭބަލް ކުރެވޭނެ ގޮތް ހެދުންކަމަށެވެ.
ސީޑީއީގެ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް މަރިޔަމް ހަނާ ވިދާޅުވީ މި މަސައްކަތުން ރާއްޖޭގެ އެނާޖީ އެފިޝެންސީ ސްޓޭންޑާޑްސްތަކާއި ލޭބަލްސްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި ދިރާސާކޮށްގެން ރާއްޖޭގެ އެތެރެކުރާ ތަކެތީގައި ކިހާ މިންވަރެއްގެ ހަކަތަ ބޭނުންކުރޭތޯ އާއި އަދި އެ ތަކެތި އެތެރެ ކުރަނީ ކޮން ގައުމުތަކަކުންކަން މައުލޫމާތު އެއްކުރެވިގެން ދާނެކަމަށް ހަނާ ވިދާޅުވިއެވެ.
ހަނާ ވިދާޅުވީ އެ ކުންފުނިން މި މަސައްކަތުގައި ކުރެވޭ އެންމެ ފުރަތަމަ ކަމަކަށް ވާނީ ކަސްޓަމްސް އިން ރާއްޖެއަށް އެތެރެކުރަމުންދާ މުދާތަކާއި، ގުޅޭ މައުލޫމާތު އެއްކުރުން ކަމަށެވެ.
މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ ތިން މަސް ދުވަސް ތެރޭ ނިންމާ ގޮތަށް 245646 ރުފިޔާއަށެވެ.
ބާޒާރަށް އެތެރެ ކުރާ ކަރަންޓް ސާމާނުތަކުގެ ދިރާސާއެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ