ކުށްކުރުން ހުއްޓުވުމަށް ރައީސް އުފެއްދެވި ކޮމިޓީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށްފި

ނުރައްކާތެރި މާރާމާރީތަކާއި ގޭންގުތަކުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމުގައި ދައުލަތުގެ ތިން ބާރާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްތައް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފެއްދެވި ނެޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ މިއަދު ބައްދަލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ސުޕްރީމް ކޯޓުގައި ބޭއްވި މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރީ މާރާމާރީތަކާއި ވައްކަމާއި ފޭރުމާއި ރޭޕްކުރުމާއި މަސްތުވާތަކެއްޗާއި އެ ނޫނަސް ބޮޑެތި ކުށްތައް ކުރާ މީހުން ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް އަދަބު ދިނުމުގައި ޝަރުއީ ނިޒާމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ހަރުދަނާ ކަމާއެކު ގެންދެވޭނެ ގޮތްތަކަކާ ބެހޭގޮތުންނެވެ.
"ޝަރުއީ މަރުޙަލާގައި މިފަދަ މައްސަލަތައް ދިގުލައިގެންދާ ދިޔުން އަވަސްކޮށް، ގާނޫނީ ގޮތުން ދޭންޖެހޭ އަދަބުތައް ދީ، މިފަދަ ކުށްވެރިން މަގުމަތީގައި މިއުޅޭ އުޅުން ހުއްޓުމަކަށް ގެނައުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރޮސެކިއުޓަ ޖެނެރަލް، ކޮމިޓީ އަށް މިއަދު ވަނީ ދެއްވާފައެވެ،" ރައީސް އޮފީހުގެ ބަޔާނެއްގައިވެ އެވެ.
އެ އޮފީހުން ބުނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް އަމާންކަން ހޯދައިދީ، ރައްކާތެރި ވެއްޓެއް ގާއިމުކޮށް، އިގްތިސާދު ހަރުދަނާ ކުރުމަށް ގައުމީ ފެންވަރުގައި ކުރަން ފެށި މިމަސައްކަތުގައި ޝަރުއީ ދާއިރާއިން އެންމެ ފުރިހަމަގޮތުގައި ބައިވެރިވެ މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެއްވި ކަމަށެވެ.
ޝަރުއީ ނިޒާމުގެ ތެރޭގައި ރަނގަޅު ކުރަން ހުރި ކަންތައްތަކެއް ހުރިނަމަ އެކަންކަން ރަނގަޅު ކުރުމުގައި ސުޕްރީމް ކޯޓުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ކޮމިޓީ އަށް ދެއްވާފައި ކަމަށާއި ކުށްވެރިން ހޯދައި ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ކުރާ މި މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ހޯދުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"މިފަދަ މައްސަލަތައް ހައްލުކުރުމަށް ކޯޓުތަކުން ކުރެވެން ހުރި ކަންތައްތަކާއި ޝަރުއީ ދާއިރާއިން ސަމާލުކަންދޭން ޖެހޭ ކަންތައްތަކުގެ އިތުރުން، ޖަލުގެ ކަންކަން ހައްލުކުރުމުގައި ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު ހަސަން އަފީފާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކޮމިޓީގެ އެހެން މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އަފީފާއި ފަސީހުގެ އިތުރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒާއި ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނާއި ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ