މަނަދޫ ފަޅު ތެރޭގައި އޮތް ލޯންޗެއްގެ ތެރެއަށް އަންހެނަކު ވިހައިފި

ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ގެންދަން އުޅުނު މާބަނޑު އަންހެނަކު މަނަދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގެ ތެރެއަށް މިއަދު ވިހައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 1:50 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމައިންނަށް މަނަދޫ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާއިރު ދެމައިންގެ ހާލު ވެސް ރަނގަޅެވެ.
މަނަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ބަނޑުގައި ރިއްސާތީ ޅ.ހިންނަވަރުން ލޯންޗުގައި ގެނައި އަންހެން މީހާއަށް ހޮސްޕިޓަލާއި ހިސާބަށް ދެވޭ ގޮތް ނުވީ އެމްބިއުލަންސް އައުން ލަސްވެގެން ކަމަށާއި އެމްބިއުލަންސް އައުން ލަސްވުމާއި ގުޅިގެން އެ އަންހެން މީހާ ވިހެއީ ކައިރީގައި ތިބި އާއިލާގެ މީހުންނާއި ސިއްހީ އެހީތެރިންގެ އެހީތެރިކަމާއިއެކު ކަމަށެވެ.
"މިރަށު ހޮސްޕިޓަލުން ބޭނުންކުރާ އެމްބިއުލަންސް ވަނީ ހަލާކުވެފަ، އެހެންވެ ޖިޕެއް މިހާރު ބޭނުންކުރަމުން ދަނީ އެމްބިއުލަންސްއެއްގެ ގޮތުގައި މީހުން އުފުލުމަށް، އޭތި އައުން ލަސްވެގެން މިހާދިސާއެއް ދިމާވީ." އެމީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަނަދޫ ބަނދަރުން އަންހެން މިހާ އާއި ދަރިފުޅު ފަހުން ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި އެވެ.
"ޖިޕުގައި މީހުން އުފުލާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ، އާންމުކޮށް ޖިޕުގައި އޮށޯވެގެން ނޯވެވޭނެ، އަންހެން މީހާ ވިހެއި ފަހުން ޖިޕް ބަނދަރު ސަރަހައްދަށް އައި، އެކަމަކު އޭގައި އޮށޯވެގެން ނޯވެވޭތީ އަންހެން މީހާއަށް އެއަށް ނޭރުނީ، އެހެންވެ ޕިކަޕެއްގައި ގެންދިޔައީ." މަނަދޫއިން ވާހަކަދެއްކި މީހާ އިތުރަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ