ކަރުދާސް ރޮކެޓެއް އެއްލައިގެން ތިން ދަރިވަރުން އޮސްޓްރިއާ އަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރެޑްބުލް ޕޭޕާ ވިންގްސް ވޯލްޑް ފައިނަލްސްގެ ކޮލިފައިން ބުރުގައި ހިމެނޭ ތިން ކެޓަގަރީގެ އެއްވަނަ ހޯދައިގެން، ރާއްޖޭގެ ތިން ދަރިވަރުން އޮސްޓްރިއާގައި އޮންނަ ރެޑްބުލް ޕޭޕާ ވިންގްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފި އެވެ.
ޕޭޕާ ޕްލޭންސް ނުވަތަ ދިވެހިންގެ މެދުގައި ކިޔާގޮތުންނަމަ ކަރުދާސް ރޮކެޓް އެއްލުމުގެ ތަފާތު ހުނަރުތަކެއް ދައްކަން ޖެހޭ މުބާރާތުގެ ތިން ކެޓަގަރީ ކާމިޔާބުކުރީ އަހުމަދު ނަބީހު އާއި ޔޫސުފް ނިހާމް (ޗަމްޕީ) އަދި އަލީ އަފްރާހު އެވެ.
ކުޅިވަރު އެކުވެނީގައި އޮތް ކޮލިފައިން ބުރުގައި ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ އެއިރޯޑައިނެމިކްސް ކެޓަގަރީގެ އެއްވަނަ ސައިރިކްސް ކޮލެޖުގެ ދަރިވަރެއް ކަމަށްވާ ޗަމްޕީ ހޯދީ ފަނޑިޔާރުންގެ ޕެނަލް އިން 25 މާކްސް ހޯދައިގެނެވެ. މި ކެޓަގަރީގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ މެގަމޯލްޑިވްސް އެއާލައިންގެ ތަޖުރިބާކާރު ދެ ޕައިލެޓުން ކަމަށްވާ ޖާވިދު ހުސެއިން އާއި ދާވިދު ބެޑްޖޭ އަދި މޯލްޑިވްސް އާރްސީ ފެޑެރޭޝަންގެ އަބްދުﷲ ޝާމިން އެވެ.
މި ކެޓަގަރީގެ އެއްވަނަ ހޯދި ޗަމްޕީއާ އިތުރު ދެ ބައިވެރިން ކައިރި ކުރި އެވެ. އެ ދެ ބައިވެރިންނަށް ލިބުނީ ފަނޑިޔާރުންގެ 24 މާކްސް އެވެ.
"އެއްގޮތަކަށް ވެސް އުންމީދެއް ނުކުރަން އެއްވަނަ ލިބޭނެކަމަކަށް. ވަރަށް އުފާވެއްޖެ މި މުބާރާތް ކާމިޔާބުކޮށް، އޮސްޓްރިއާގައި އޮންނަ ވޯލްޑް ފައިނަލްސް އިން ފުރުސަތު ލިބުނީމަ" ސައިރިކްސް ކޮލެޖްގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސެޓްފިކޭޓް 3 ކޯސް ފުރިހަމަ ކުރަމުންދާ ޗަމްޕީ ބުންޏެވެ. "ކުރިން ތައްޔާރެއްނުވަން. ރައްޓެސަކާއެކު އެތަނަށް ގޮސް، ހަމަ ބައިވެރިވެލީ ގޮތް ބަލާލަން."
ހުކުރު ދުވަހުގެ ރޭ އޮތް އެއާޓައިމް ކެޓަގަރީ ނުވަތަ އެންމެ ގިނައިރު ވައިގެ ތެރޭގައި ކަރުދާސް ރޮކެޓު އުދުހުމުގެ ކެޓަގަރީގެ އެއްވަނަ އަހުމަދު ނަބީހު ހޯދީ 7.88 ސިކުންތަށް ވައިގެ ތެރޭގައި އޭނާ އެއްލި ކަރުދާސް ރޮކެޓު ހިފަހައްޓާލުމުންނެވެ. މި ކެޓަގަރީގެ އެއްވަނަ ނަބީހު ހޯދީ 150 އަށްވުރެ ގިނަ ބައިވެރިންނާ ވާދަކޮށްގެނެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި ފަތުރުވެރިކަމުގެ ދާއިރާ އިން ޑިޕްލޮމާ ފުރިހަމަކުރަމުންދާ ނަބީހު ބުނީ ވޯލްޑް ފައިނަލްސްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބުމަކީ އެނާ އަށް ލިބުނު "ފަހުރެއް" ކަމަށެވެ.
"އުންމީދެއް ނުކުރަން މި މުބާރާތް ކާމިޔާބުކުރެވެނެ ކަމަކަށް. މިއީ ވަރަށް ވާދަވެރި މުބާރާތެއް. ވޯލްޑް ފައިނަލްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. ވޯލްޑް ފައިނަލްސްގައި ރާއްޖެ ތަމްސީލުކުރާއިރު، އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަން ރަނގަޅު ނަތީޖާއެއް ނެރެން."
ހޮނިހިރު ދުވަހު ކުރިއަށްދިޔަ ޑިސްޓަންސް ނުވަތަ އެންމެ ދުރަށް ރޮކެޓް އެއްލުމުގެ ކެޓަގަރީގެ އެއްވަނަ ހޯދީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރެއް ކަމަށްވާ އަލީ އަފްރާހު އެވެ. އަފްރާހު ވަނީ 37.26 މީޓަރަށް ކަރުދާސް ރޮކެޓު އެއްލައިފަ އެވެ. މި ކެޓަގަރީގައި 170 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި އެވެ.
"އަޅުގަނޑު ބޭނުންވީ މި މުބާރާތް ކާމިޔާބުކުރަން، އެ މަގާމަށް އުންމީދު ވެސް ކުރިން،" އަފްރާހު ބުންޏެވެ. "މި މުބާރާތް އޮންނަ ވާހަކަ ރައްޓެއްސެއްގެ ފަރާތުން އެނގުނު ހިސާބުން މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވިން. ވަރަށް އުފާވެއްޖެ ވޯލްޑް ފައިނަލްސް އިން ޖާގަ ލިބުނީމަ. އެ މުބާރާތުގައި ވާދަކުރަން ކެތްމަދުވެފައި މިހުރީ."
އޮސްޓްރިއާގެ ސަލްޒްބާގްގައި ހުންނަ ރެޑްބުލް އެއާގެ މައި މަރުކަޒު ކަމަށްވާ ހޭންގާ ސެވަންގައި ޕޭޕާ ވިންގްސްގެ ވޯލްޑް ފައިނަލްސް އޮންނާނީ މޭ މަހު އެވެ.
މޭ މަހު އޮސްޓްރިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްބުލް ޕޭޕާ ވިންގްސް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް 80 ގައުމެއްގައި ކޮލިފައިން ބުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ ކޮލިފައިން ބުރުގައި 2012 ވަނަ އަހަރު 83 ގައުމަކުން 37000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މި މުބާރާތުގައި މި އަހަރު ބައިވެރިވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ