ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް އަނެއްކާވެސް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް އަނެއްކާވެސް ހިފަހައްޓައިފި އެވެ.
ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.
މިމައްސަލާގައި އަރީފްގެ ޕާސްޕޯޓް ހިފަހައްޓަން ޖެހުނީ އޭނާއަކީ މިމައްސަލާގައި ތުހުމަތުކުރެވޭ ބޭފުޅަކަށް ވެފައި މައްސަލައިގެ ތަހުގީގު އަދި ނިމިފައި ނުވާތީ ދައުވާކުރެވިފައިވާ ބޭފުޅަކަށް ނުވުމުން ފުރައިގެން ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށް އަމުރުގައިވެ އެވެ.
އަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުން ސަފުތައް ފަޅާލި ކަމަށް ބުނެ އޭރު ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން ވެސް އަރީފްއާއި މަޖިލީހުގެ އިތުރު ދެ މެންބަރެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އެ މައްސަލާގައި އަރީފްގެ މައްޗަށް ދައުވާ ކުރެވި ވަކީލަކު ހަަމަޖައްސަން މިހާރު ވަނީ ފުރުސަތު ދީފަ އެވެ.
ފުލުހުން ކުރަމުންދާ ތުހުމަތުތައް އަރީފް ވަނީ ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ