ސްރީލަންކާގެ ޕާލަމެންޓް އުވާލެއްވުމަށް ރައީސް މައިތުރިޕާލަ ސިރިސޭނާ ނެރުއްވި އަމުރު ސަސްޕެންޑްކޮށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހް އިތުރަށް ހޫނުވެ، ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލަމެންޓް އުވާލައްވަން އަމުރު ނެރުއްވާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ނަމަވެސް، މިމައްސަލަ ލަންކާގެ މައި ސިޔާސީ ޕާޓީތަކުންނާއި، މަދަނީ ޖަމާއަތްތަކުންނާއި އާންމު ބައެއް ފަރުދުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ނޮވެމްބަރުމަހުގެ 13 ވަނަދުވަހުވަނީ ރައީސްގެ އަމުރު ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ.
އަދި ޕާލަމެންޓް އުވާލެއްވުމަށްފަހު އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ރައީސް ކުރެއްވި އަމުރުވެސް ސުޕްރީމް ކޯޓުން ވަގުތީގޮތުން ހުއްޓުވާފައި ވެއެވެ. އެއީ ކޯޓަށް ހުށަހެޅުނު މައްސަލަ ބަލައި ނިމެންދެންނެވެ.
މިމައްސަލަތައް ބަލަމުންގެންދަނީ، ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާވެސް ހިމެނިވަޑައިގަންނަވާގޮތުން އެކުލަވާލާފައިވާ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ޕާލަމެންޓް އުވާލައްވަން ރައީސް ސިރިސޭނާ ނެރުއްވި އަމުރު، ވަގުތީގޮތުން ސަސްޕެންޑްކޮށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގެ މުއްދަތު ހަމަވާންއޮތީ މިއަދަށް ނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ބުނެފައިވަނީ، ވަގުތީ އަމުރުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިއަދު އަނެއްކާވެސް ސުޕްރީމް ކޯޓުން ބުނެފައިވަނީ ވަގުތީ އަމުރުގެ މުއްދަތު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިމައްސަލާގައި ކޮންމެ ގޮތަކަށް ނިންމިޔަސް، ރައީސް ސިރިސޭނާ ވިދާޅުވަމުން ގެންދަވަނީ ބޮޑުވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހަ އަލުން އައްޔަން ނުކުރައްވާނޭ ކަމަށެވެ. ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ 225 މެމްބަރުން ލިއުމެއްގައި ސޮއިކުރައްވައި އެކަމަށް އެދިވަޑައިގެންނެވި ނަމަވެސް އެކަން ނުކުރައްވާނޭ ކަމަށް ސިރިސޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.
ގާނޫނުއަސާސީން ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު ލިބިދެނީ ރައީސަށްކަމުން، ޔޫއެންޕީން ރަނިލްގެ ނަންފުޅު ހުށަހެޅިޔަސް އައްޔަން ނުކުރައްވާނޭ ކަމަށް ސިރިސޭނާ ވިދާޅުވަމުން ގެންދަވާތީ، ރަނިލްގެ ޕާޓީން މިހާރު ގެންދަނީ ދެން އަޅާނެ ފިޔަވަޅަކަށް ތައްޔާރުވަމުންނެވެ.
ޔޫއެންޕީން މިއަދު ބުނެފައިވަނީ، މަޑުކޮށްލައިގެން މިތިބީ، ޕާލަމެންޓް އުވާލައްވަން ރައީސް ނެރުއްވި އަމުރުގެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކަމަށެވެ.
އެގޮތުން، އެ ޕާޓީން ބޮޑުވަޒީރުގެ މަގާމަށް ބޭފުޅެއްގެ ނަން ހުށަހެޅުމަށްޓަކައި ފަހަރުގައި ޕާޓީ ތެރޭގައި ސިއްރު ވޯޓެއް ނަގަން ޖެހިދާނޭ ކަމުގެ އިޝާރާތެއް، ޕާޓީގެ ތަރުޖަމާނު ހަރިން ފެނާންޑޯ މިއަދު ކުރައްވާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުން އަންނަ ގޮތަކުން އާންމު އިންތިޚާބަކަށް ދާންޖެހިދާނެކަމުގެ ހީތަށްވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްރީލަންކާ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ