ޖޭޕީގެ ލީޑަރުގެ މަގާމަށް އެޕާޓީގެ ބާނީ ގާސިމް އިބްރާހިމް އިންތިހާބުކޮށްފި

ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެޕާޓީގެ ކައުންސިލް މެންބަރުންގެ އިއްތިފާގުން އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އިންތިހާބުކޮށްފި އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް އިންތިހާބު ކުރީ އެޕާޓީގެ ހުސްވެފައިވާ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް ވުމުން ޕާޓީގެ ކައުސިލް މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ގާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމަށް އިންތިހާބުވީ ވޯޓުގައި ބައިވެރިވި އެޕާޓީގެ ކައުންސިލްގައި ހިމެނޭ 62 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 42 މެންބަރުންގެ ވޯޓެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް މިރޭ ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބު ކުރިއަށް ގެންދިއައީ އެކަމަށް ހާއްސަ ވަގުތީ ކޮމިޓީއެއް އެކުލަވާލައިގެންނެވެ.
މިއަހަރުގެ އޮގަސްޓް މަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް އަށްފަހު އެޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ.
އެހާތަނަށް ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް އޭރު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އޭރު ވަނީ ބޭއިންސާފު ހުކުމެއްވެސް އިއްވާފަ އެވެ. ނަމަވެސް މިމަހުގެ ތެރޭގައި ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ގާސިމް މިނިވަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ