ޕާލަމެންޓް އުވާލައްވަން ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނިންމެވި ނިންމެވުން ސްރީލަންކާގެ ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
ރައީސް ސިރިސޭނާގެ ނިންމެވުން ބާތިލްކުރުމުގެ އިތުރުން، އަވަސް އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް ހުއްޓާލުމަށްވެސް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވެއެވެ.
ޕާލަމެންޓް އުވާލެއްވުމަށް ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމާއި، އަވަސް އިންތިޚާބަކަށް ގޮވާލެއްވި މައްސަލަ ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ލަންކާގެ ސިޔާސީ ބޮޑެތި ޕާޓީތަކުންނާއި، މަދަނީ ޖަމްއިއްޔާތަކުންނާއި، އަމިއްލަ ފަރުދުންނެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވިގޮތް އިޢްލާން ކުރެއްވީ އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާއެވެ.
މީހުން ތޮއްޖެހިފައިތިބި ކޯޓު ރޫމްގައި އުއްތަމަ ފަނޑިޔާރު އިއްވެވި ހުކުމުގައި ބުނެފައިވަނީ، ޕާލަމެންޓް އުވާލެއްވުމާއި، އަވަސް އިންތިޚާބަކަށް ގޮވާލެއްވުމުގައި ރައީސް ސިރިސޭނާ އަމަލު ކުރައްވާފައިވަނީ ގާނޫނުއަސާސީގެ ބޭރުން ކަމަށް ގަބޫލު ކުރާކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ސަބަބުން، ޕާލަމެންޓް ޖަލްސާތައް މާދަމާ ފަށާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާއިން ބުނެއެވެ.
އަދި މާދަމާ ބާއްވާ ޖަލްސާގައި، ޕާލަމެންޓްގައި އަޣުލަބިއްޔަތު އޮތީ ރައީސް ސިރިސޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ މަހިންދާ ރާޖަޕަކްސައަށްތޯ ނުވަތަ ބޮޑުވަޒީރުކަމުން ދުރުކުރައްވާފައިވާ ރަނިލް ވިކްރަމަސިންހައަށްތޯ ކަނޑައެޅިގެން ދާނެ ކަމަށްވެސް ބުނެއެވެ.
ރައީސް ސިރިސޭނާ މިދިޔަ ހުކުރުދުވަހު ޕާލަމެންޓް ސަސްޕެންޑް ކުރެއްވުމުން، ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީންވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި އެންމެ އިސްކޮށް އުޅުނީވެސް އެ ޕާޓީންނެވެ.
ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމުން ދުރުކުރީއްސުރެ ޔޫއެންޕީން ގޮވާލަމުން ގެންދަނީ، ޕާލަމެންޓްގައި އަޣުލަބިއްޔަތު އޮތީ ކޮން ބޭފުޅަކަށް ކަމަށް ބެލުމަށް ވޯޓެއް ނެގުމަށެވެ. ޔޫއެންޕީން ބުނަނީ 225 މެމްބަރުން ހިމެނޭ ޕާލަމެންޓްގައި އެޕާޓީއަށް 113 މެމްބަރުންގެ ތާއީދު ލިބިފައިވާ ކަމަށެވެ.
ޕާލަމެންޓް އުވާލައްވަން ރައީސް ނެރުއްވި އަމުރު ލަންކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ