ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަށް ގެއްލުންދިން މީހުންނާމެދު ފިޔަވަޅު އަޅަނީ

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ގެއްލުން ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
އެ މަރުކަޒުން މިހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ގެއްލުންދީފައިވާ މައްސަލައެއް އެ މަރުކަޒުގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ގެއްލުން ދިން މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާއެކު އެވަގުތުން ފެށިގެން އައްޑޫ ސިޓީ ކައުންސިލާއި، ފުލުހުންނާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް ބަލަން ފެށިކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެއްގޮތަށް އެ މައްސަލަ ބަލައިދިނުމަށް އެދި މިހާރު ރަސްމީކޮށް ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު އާ އެއްގޮތަށް ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެ މަރުކަޒުން ވިދާޅުވެއެވެ.
އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ އާސާރީ ސަރަޙައްދެއްކަމުން، އެކަމާ ގުޅިގެން ދުނިޔޭގެ ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ، ކަމާއިބެހޭ ބައިނަލްއަޤުވާމީ އިދާރާތަކަށް މި މައްސަލައާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ގެއްލުން ދީފައި. ފޮޓޯ:ސޯޝަލް މީޑިއާ
އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހި ކާބަފައިންގެ މަސައްކަތްތެރިކަން ފެންނަންހުރި، ހިރިގަލުގައި ކަނޑާނަގާފައިވާ، ދިވެހިރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުފެންނަ ވަރުގެ ބޮޑެތި މަހާނަގައުތަކެއް ހުރި ގަބުރުސްތާނެކެވެ. މިތަނަކީ އައްޑޫ ސިޓީގެ ތާރީޚާއި ތަރިކަ ފެންނަންހުރި މުހިންމު ސަގާފީ ތަރިކައެކެވެ. މިތަންތަނަކީ އިތުރަށް ދިރާސާ ކުރެއްވިޖެނަމަ، ދިވެހިރާއްޖޭގެ ތާރީޚަށް އަގުހުރި އައު މަޢުލޫމާތުތަކެއް ލިބިދާނެ ތަނެކެވެ.
އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ، 2022 ވަނަ އަހަރު ވޯލްޑް މޮނިއުމަންޓް ފަންޑުން އެކުލަވާލި ވޮޗްލިސްޓުގައި ހިމަނާފައިވާ އާސާރީ ސަރަޙައްދެކެވެ. ވޯލްޑް މޮނިއުމެންޓް ފަންޑުގެ ވޮޗްލިސްޓަކީ އާސާރީ ސަރަޙައްދުތަކުގެ ސަގާފީ އަގާއި، މޫސުމީ ބަދަލުތަކަށް އެތަން ހުށަހެޅިފައިވާ ނުރައްކާތެރި މިންވަރަށް ބަލައި ކޮންމެ 2 އަހަރަކުން އެކުލަވާލާ 25 އާސާރީ ސަރަޙައްދުގެ ލިސްޓެކެވެ. މީގެ އިތުރުން އެ މަރުކަޒުން ގެންދަނީ އެ ސަރަޙައްދުގައި ހުރި އާސާރީ މިސްކިތެއް ކަމުގައިވާ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްތަކެއް ކުރަމުންކަމަށެވެ.
އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނު ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް، މިތަނުން ދެމެހެއްޓެނިވި އިޖްތިމާޢީ އަދި އިޤްތިޞާދީ ފައިދާތައް ލިބޭގޮތަށް ތަން ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަޙައްދު ކުރިމަތީގައި އޮންނަ ހުސްބިމުގައި ސައިޓް މިއުޒިއަމެއް ތަރައްޤީ ކުރުމަށް ކޮންސެޕްޓާއި ކުރެހުންތައް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ