ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ބައެއްގެ އަތްދަށުގައި ފިތި ބާރުވެފައި ކަމަށާއި، މި ފަހަރުގެ ރިޔާސީ ރޭހަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ނުކުންނެވީ ރައީސް ސޯލިހް ސަލާމަތްކޮށްދޭން ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ކޯލިޝަންގައި ހިމެނުނަސް އިތުރު ދައުރަކަށް ކޯލިޝަން އެއްބަސްވުން އާކުރުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުނުކުރައްވައި އިންތިހާބަށް ނުކުމެވަޑައިގެންނެވި ގާސިމް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގައި ތިބި ޖޭޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ދެކުނުން ޗާގޯސްގެ ރަށްތަކާ ދެމެދު ކަނޑުގެ އިން ކަނޑައެޅި މައްސަލަ އާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލާގައި ގާސިމް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ތަފްސީލް - ޗާގޯސް މައްސަލާގައި، އެ ތަނުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރެއްވީ، ގާސިމް ވިދާޅުވި ގޮތުގައި، "ބައެއްގެ އަތް ދަށުގައި ފިތިފައި ހުންނެވުމުން" ކަމަށް ގަބޫލުކުރެވެ އެވެ.
"ކޮންމެ ފަދަ ހަޑިއެއްޗެއް ގޮވިޔަސް އަޑުއިވި ވަޑައިގަންނަވާ ކަމަށް ވެސް ނުހައްދަވާ، ތަކަށް ކިޔަނީ މަރިޔަނބޭ ވެސް ހީނުކޮށް، އެ ހުންނަވަނީ އެ މަނިކުފާނަށް ކާންބޯން ލިބިވަޑައިނުގަންނަވައިގެންތޯ؟ އެހެންނެއް ނޫން. އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތްގައި ދަށުގައި ދަށުވެ، ފިތި ބާރުވެފައި އެ ހުންނެވީ. އެއްވެސް ފަރާތަކަށް ގުޑިލެވޭނެ އެއްވެސް ފުރުސަތެއް ނެތީ. އަޅުގަނޑު މި ނުކުތީ އެކަމުން އެ މަނިކުފާނު ސަލާމަތްކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި ރައީސް ސޯލިހް ކަންކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެ މަނިކުފާނު ކުރެއްވި ހުވަ އާއި ގާނޫނުއަސާސީއާ ހިލާފު ނުވެވޭނެ ހަމައެކަނި ގޮތަކީ އެ ސިޓީފުޅުގައި ވާ އެއްޗެއް ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށެވެ.
އެ ވާހަކަ ދައްކައިގެން އޭނާއަށް ސަރުކާރުން ކޮންމެ ގޮތެއް ހެދިޔަސް އަދި ގައުމުތަކުން ރާއްޖެއާ މެދު ކޮންމެ ފިޔަވަޅެއް އެޅިޔަސް އެ ވާހަކަ ނުދައްކާ ނުހުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މާތްﷲގެ ހަޒްރަތުގައި ކުށްވެރިވާ ކުށްވެރިވުން މާ ބޮޑުވާތީ އެވެ.
ގާސިމް އިތުރަށް ވިދާޅުވީ:
ވެރިކަމުގެ ބާރުގެ ތެރެއިން ވެސް އެކަން ކުރެވޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް
ގާނޫނާ ހިލާފަށް ރައީސް ކަންކަން ކުރެއްވުމަކީ ވަރަށް ބޮޑު ކުށެއް؛ އެއީ އެންމެ ބޮޑު ހިޔާނާތް
އެ ތަން "ވިއްކާލަން" މީގެ ކުރީގެ ސަރުކާރުތަކުން ވެސް އަދި މި ސަރުކާރުން ވެސް ފުރަތަމަ ދެކޮޅު ހެދުމަށް ފަހު ފަހުން ސްޓޭންޑު ބަދަލުކުރި؛ އެހާ ހިސާބުން ކެތެއް ނުކުރެވުނު
ރައީސް ސޯލިހް ހުރީ 'ބައެއްގެ އަތްދަށުގައި' ފިތިފައި؛ މި ނުކުތީ ސަލާމަތްކޮށްދޭން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ